ހުޅުމާލޭގައި 2 އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2ގެ 5 ވަނަ ޓަވަރު ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެ ސައިކަލު ކޮންޓްރޯލްނުވެ ގޮސް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު 8:18 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލީ ފުލުހުން ވަނީ ބުނެފައެވެ. އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ 2 ވަނަ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 އާހިޔާގޮފި ކައިރީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު 9:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި 2 މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަނުން އެއް ސައިކަލު ދުއްވީ ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އަނެއް ސައިކަލު ދުއްވާފައި ވަނީ 33 އަހަރުގެ ދިވެހި އަންހެނެއްކަން ފުލުހުން ފާހަގަ ކުރެއެވެ. އެއީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި 2 މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.