ނިމިދިޔަ މެއި މަހު ކުޑަކުދިންނާ ގުޅޭ ތަފާތު 12 މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ 12 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 5 މައްސަލަ އަކީ ދަރިން ނުދެއްކުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލަތަކެވެ.

މީގެ އިތުރުން ހަސްނަތު 3 މައްސަލަ ހުށަހަޅާފައިވާއިރު ކުއްޖާ އިހްތިޔާރު ކުރާ ފަރާތެއް ކަނޑައެޅުމުގެ 2 މައްސަލަ އެ ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި ކުޑަކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޯސްޓާ ކުރާ ފަރާތަށް ބަދަލު ކުރުމުގެ 1 މައްސަލައާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އަމުރަށް އެދި 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

އަދި އޭގެ ކުރީ މަހުން ވާރުތަވި 48 މައްސަލަ ވެސް އެ ކޯޓުގައި ހިނގަމުން ދެއެވެ. މިހުރިހާ މައްސަލަ ތަކުގެ ތެރެއިން ނުނިމި 49 މައްސަލަ ހުރި އިރު މިދިޔަ މަހު ނިންމާފައި ވަނީ ޖުމްލަ 11 މައްސަލައެކެވެ.

މީގެ އިތުރުންވެސް ގެވެށި އަނިޔާ އާއި ގުޅޭ ތަފާސް ހިސާބުތައް ވެސް ކޯޓުން ވަނީ އާންމު ކޮށްފައެވެ. އެގޮތުން އެފަދަ 9 މައްސަލަ މެއި މަހު ބަލާފައިވާއިރު 9 މައްސަލައެއްގައި ރައްކާތެރިކަމުގެ އަމުރު ނެރެދެވިފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ. އަދި 1 މައްސަލައިގައި އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ހަމައެހެންމެ މިހާތަނަށް ޖުމްލަ 7 މައްސަލައެއް ނިމިފައި ނުވާ ކަމަށް އެ ކޯޓުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

އަންހެނުންނަށް ކުރާ ތަފާތު އަނިޔާ ތަކަކީ ރާއްޖޭގައި ވެސް އާންމުވަމުން އަންނަ ކަމަކަށްވާއިރު މިފަަދަ ކަމެއް ހިނގައިފި ނަމަ ވަގުތުން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.