ސަމޯއާ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކޮށްފައި ވަނީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރިޒަވޭޝަންއަށް ހުށަހެޅުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމު ކޮށްފައިވާ ސަމޯއާ އެގްރީމަންޓުގައި ރާއްޖެއިން އިއްޔެ ސޮއިކޮށްފައި ވާއިރު ގިނަ ބަޔަކު ވަނީ އެ އެގްރީމެންޓްގައި ދީނާއި ގާނޫނާ ފުށުއަރާ މާއްދާތަކެއް ހުރިކަން ފާހަގަކޮށް އެކަމާ ގުޅިގެން ކަންބޮޑުވުން ފާހަ ގަކޮށްފައެވެ.

އެ މާއްދާތަކަށް އަމަލު ކުރަން ނުޖެހޭނެކަން ފާހަގަ ކުރައްވާ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައި ވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހުގައި ކަމަށް ހީނާ ވިދާޅުވިއެވެ.

އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތުނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހީނާ ވަނީ ދެއްވާފައެވެ.

ސަމޯއާ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގްތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެއިތުރުން އޯއޭސީޕީއެސް ގެ މެންބަރު ގައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމުތައް ރާއްޖެއަށް ލިބުމަށް ވެސް މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމަކީ އަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ އާއި އޯއޭސީޕީއެސް އިން ޖުމަލް 6 ދާއިރާއަކުން އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.

އެ 6 ދާއިރާއަކީ:

  • ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
  • ޑިވެލޮޕްމަންޓް
  • ޕީސް އެންޑް ސެކިއުރިޓީ
  • އިކޮނޮމިކް ގްރޯތް
  • މައިގްރޭޝަން އެންޑް މޮބިލިޓީ
  • ކްލައިމެޓް ޗޭންޖް

1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް"ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ އޯއޭސީޕީއެސް މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 9 ޑިސެމްބަރު 2022 ގައެވެ.