ފަސް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހަކު ޝަރީތައް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ.އިނގުރައިދޫ، ނައިޓްވިއު، މުހައްމަދު ޝަހުދު (19 އ) އާއި ފ.ފީއަލީ، ރަހުމަތު އުފާ، މުހައްމަދު އާދަމް (24 އ)އެވެ.

ކްރިިމިނަލް ކޯޓުން މި ދެމީހުން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު މި މައްސަލަ އާއި ގުޅިގން މުހައްމަދުގެ ޝަހުދުގެ މައްޗަށް ވަނީ 4 ދައުވާއެއް އުފުލާފައެވެ. އަދި މުހައްމަދު އާދަމްގެ މައްޗަށް ދައުލަތުން ވަނީ 3 ދައުވާއެއް އުފުލާފައެވެ. މުހައްމަދު ޝަހުދުގެ މައްޗަށް އުފުލާފައިވަނީ ކެނެބިސް ޓަރެފިކް ކުރުމުގެ ދައުވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ،މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ދައުވާއެވެ.

މީގެ އިތުރުން މުހައްމަދު އާދަމްގެ މައްޗަށް އުފުލާފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ، ކެނެބިސް ޓްރެފިކް ކުރުމަށް އެހީތެރިވުމާ ބައިވެރިވުމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން ކޯޓުގައި އެދިފައިވާއިރު މުހައްމަދު އާދަމްގެ ކަންފަތުގެ އެތެރެ ފާރުވެ، ކަންފަތް ކައިރި ނޫފައިގެން ގޮސްފައިވުމުން އޭނާއަށް ބޭސް ފަރުވާގެ ފުރުސަތުދިނުމަށް އަމުރުކޮށް ކޯޓުން ވަނީ ޝަރީއަތް ނިމެން ދެން މި މީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.