ވަޅިން ބިރުދައްކާ އިންޒާރު ދިން މައްސަލަކާ ގުޅިގެން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައު ބެހެއްޓުމަށް ކްރިމިނިލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ ފިރިހެނެކެވެ.

ކްރިމިނަލްކޯޓުގެ އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް އެކަށީގެންވާ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައި ވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ ކަމަށް އެ އަމުރުގައި ވެއެވެ.

މީނާއާ ދެކޮޅަށް އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރުން އަނިޔާ ލިބުނު ފަރާތުން ޑޮކްޓަރަށް ދައްކާފައިވާކަން އެނގޭ ލިޔުމާއި އަދި ފޮޓޯ ރިޕޯޓް ހުށަހަޅާފައިވާ ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެ އަމުރުގައި އިތުރަށް ވަނީ އޭނާ ވަޅި ގެންގުޅުނު ކަމަށް އިންކާޒު ކުރާ ކަމަށާއި ޒުވާބު ކުރިކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މައްސަލާގައި ހުށަހަޅާފައިވާ ޝަކުވާ ހުށަހެޅި ފަރާތުގެ ބަޔާނަށް ބަލާއިރު ތުހުމަތުކުރެވޭ މީހާ ވަޅިން ދެއްކި ކަމަށް އެ އަމުރުގައި ވެއެވެ. އަދި މެޑިކޯ ރިޕޯޓުންނާއި ފޮޓޯ ރިޕޯޓުން އޭނާއަށް އަނިޔާ ލިބުނުކަން ފާހަގަކޮށްފައިވެއެވެ.