މީގެ ފަހުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ކިރާތާ ދެ ހަފުތާގެ ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ކަމަށް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިފްކޯ އިން އިއްޔެ ވަނީ ކުރިއަށް އޮތް ފަސް ދުވަހު މަސް ގަންނާނެ އަގުތައް އިއުލާނުކޮށްފައެވެ. އެއީ:
- ދޮޅު ކިލޯ އަށް ވުރެ މަތި: އައިސްކުރި ކަނޑުމަހާއި ކަންނެލި 16ރ އަށް، އައިސް ނާޅާ ނަމަ 14ރ އަށް
- ދޮޅު ކިލޯއަށް ވުރެ ދަށް: އައިސްކުރި ކަނޑުމަހާއި ކަންނެލި 7 ރ އަށް، އައިސް ނާޅާ ނަމަ 5ރ އަށް
މި އަގު އިއުލާނުކޮށްފައި ވަނީ، މިފްކޯ އިން ބުނި ގޮތުގައި، މަސްވެރިންނަށް ގަވާއިދުން ފައިސާ ދެވޭނެ އިންތިޒާމު ހަމަޖައްސައި، ބައިނަލްއަގްވާމީ ބާޒާރުގެ އަގުތަކާއި އަދި މަސް ބޭރުކުރުމަށް ދާ ހަރަދަށް ބެލުމަށް ފަހުގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މިފްކޯގެ މާލީ ހާލަތު އޮތް ގޮތުންނާއި އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކެއްގެ ގޮތުގައި، ބޭރުގެ ބާޒާރުގައި މަސް ގަންނަން ހުރި އަގަށް ރިއާޔަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން މިފްކޯ އިން މަސް ވިއްކި ބައެއް އަގުތަކަށް ވެސް އޭނާ އަލިއަޅުވާލެއްވިއެވެ. އެގޮތުން މާޗް 2022 ގައި 17ރ އަށް މަސް ގަންނަ އަގު ބޮޑުކޮށް، މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރު ދޭތެރޭ މަހުގެ އަގު 25ރ އަށް ބޮޑުކުރިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވި ގޮތުގައި، 25ރ އަށް މަސް ގަންނަ އަގު ހިފަހައްޓާލައިގެން އަހަރެއް ނިންމަންޏާ ގާތްގަނޑަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން މިފްކޯ އަށް 1.2 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެއެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރުން މާ އަގުބޮޑުކޮށް މަސް ގަންނަމުން ދިއުމާ ގުޅިގެން، މަސްވެރިކަން ކުރާ ބައެއް ވިޔަފާރިތަކަށް އޭގެ އަސަރުކޮށް، ބައެއް ވިޔަފާރި ނެތިގެން ހިނގައްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ޕްރައިވެޓް ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ހުރިގޮތުންނާއި ބޭރުގެ މާކެޓަށް ވުރެ ބޮޑު އަގެއްގައި މިފްކޯއިން މަސް ގަންނަމުން ދާތީ، ކުންފުނިތަކަށް ދެކޮޅު ޖައްސަން ދަތިވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގެ ހައްގުގައި އެ ކުންފުނިތަކުގެ އުފެއްދުންތެރިކަން ދެބައިކޮށްލަން މަޖުބޫރުވެފައިވާ ކަމަށާއި، މިހެންވެ ބައެއް ކުންފުނިތަކުގެ ހިންގުން ހުއްޓިފައިވާ ކަމަށެވެ.
ތިކަން ވާނެބާ މިހާރުން ފެށިގެން މިހުރީ ދަތްއުގުޅައިގެން