2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގޭންގަކުން ގޮސް ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލައިގެ ވީޑިއޯ ފުޓޭޖު ފުލުހުންގެ ސާވާއަށް ދިމާވި މައްސަލަ އަކާ ގުޅިގެން ގެއްލުމުން އެ ކަމުގައި ދައުވާ ލިބުނު އެންމެން ސަލާމަތްވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ލިބިފައިވާ އެންމެ މުހިންމު ހެއްކަކީ އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖްތައް ކަމަށާއި، ފުލުހުންގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ވީޑިއޯ ފުޓޭޖްތައް ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުގައިވާ ކަމަށެވެ.

މި ވީޑިއޯގައި ހަމަލާ ދިނުމަށްފަހު އެތަނަށް މީހުން ދިޔަ މަންޒަރާއި އަދި ހަމަލާ ދިނުމަށްފަހު ހަތިޔާރު ހިފައިގެން އެތަނުން ނިކުތް މަންޒަރު ވެސް ފެންނަކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. ނަމަވެސް ގެއްލުނު ފުޓޭޖުގެ ބެކަޕް ނެގުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް ހުކުމުގައި ވެއެވެ. އެހެންކަމުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ ކޮމްޕެރިސަން ފުލުހުން ހަދާފައެއް ނުވެއެވެ.

މީގެއިތުރުން އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ކޯޓަށް ހާޒިރުކުރަން ގިނަ ފުރުސަތުތަކެއް ދިން ނަމަވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުންގެ ހެކިބަސް ލިބިފައިނުވާ ކަމަށްވެސް ހުކުމުގައިވެއެވެ. މިއާއެކު މި މައްސަލައިގެ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

މީގެ ހަ އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ވަނީ ހަމަލާދީފައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް މީހަކަށް ނުރައްކާތެރި ހާނިއައްކައެއް ވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކޮށްފައިވާ އިރު ތިން ވަނަ މީހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ވަނީ ކޮށްފައެވެ. އަދި ހަތަރު ވަނަ މީހާގެ މައްޗަށް ކޮށްފައިވަނީ މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އެވެ. ނަމަވެސް މިއިން އެއްވެސް ދައުވާއެއް ސާބިތެއް ނުވިއެވެ.