ދައުލަތުގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މުހައްމަދު ޖަމީލް މަރުގެ ހަގީގަތް އޮޅޭ ގޮތަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޝަރީއަތް ނިމެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ށ. ފުނަދޫ، ޒަމާނީވިލާ، 45 އަހަރުގެ މުހައްމަދު ޖަމީލް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ.
އޭނާގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މީގެ ކުރިން 2003 ވަނަ އަހަރު ޖަލުގައި އަނިޔާކޮށް މަރާލި، އީވާން ނަސީމްގެ މަރާއި އޭގެފަހުން 2007 ވަނަ އަހަރު މާލޭގެ ފަޅު ތެރެއިން މަރުވެފައި އޮއްވައި ފެނުނު، ހުސެއިން ސޮލާހުގެ މަރާ އެއްގޮތް ކަންތައްތަކެއް ޖަމީލްގެ މަރުގައި އެބަހުރި ކަމަށެވެ. ޖަމީލްގެ މަރުގެ މައްސަލައިގައި ކަން ހިންގައި ދިޔަ ގޮތް ރައްޔިތުންނަށް އޮލޭ ގޮތަށް މި ސަރުކާރުން ކަން ކުރަމުންދާ ކަމަށާއި މި މައްސަލައިގައި ޝައްކު އުފެދޭ ބައިވަރު ކަންކަން އެބަ ހުރި ކަމަށް ނާޒިލް ވިދަޅުވިއެވެ.
"މީގެ ދެދުވަސް ކުރިން، 28 ޖޫން، ގައި މި ހިނގައިދިޔަ ކަންތައްތައް ވަރަށް ބޮޑަށް ރައްޔިތުންނަށް އެކި ގޮތްގޮތަށް އޮޅޭގޮތަށް ސަރުކާރުން ކަންތައް ކުރަމުންދާކަން، އަޅުގަނޑުމެން ރައްޔިތުންނަށް، ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އެބަ ފާހަގަކުރެވޭ، މީގައި ޝައްކު އުފެދޭ ބައިވަރު، ބައިވަރު ކަންތައްތަތައް އެބަހުރި،" އިބްރާހިމް ނާޒިލް
19 ވަނަ މަޖިލީހުގައި އެމްޑީޕީން އިސްނަގައިގެން ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ޖަމީލުގެ މަރުގެ މައްސަލައިގައި ފުލުހުން ކަންކޮށްފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ސަރުކާރުން މިކަން އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވައި ނަޒީލް ވަނީ މި މަރުގެ މައްސަލައިގައި ރައްޔިތުންނަށް އޮޅުވައިލުން އޮޅުވާލަނީ ކޮން ބަޔަކަށް އެކަމުގެ ގެއްލުން ވަތީތޯ އާއި އޮޅުވައިލުން އޮޅުވައިލުމުން ބަޔަކަށް އެކަމުގެ ސަބަބުން މަންފާ ވޭތޯ އައްސަވާފައެވެ.
މީގެ އިތުރުން އެމްޑީޕީޏް ބުނީ، މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ޖަމީލު މަރުވެފައި ވަނީ ޕްރިޒަންސްގެ އޮފިސަރުންތަކަކަށް ބޮޑެތި ތުހުމަތު ކުރެވި އޮފިސަރުންތަކެއް ހައްޔަރު ކޮށްފައިވާ ދުވަސްވަރެއްގައި ކަމަށް ވާތީ އެ ނަޒަރިއްޔާތުން ވެސް ޖަމީލުގެ މަރުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެއެވެ. އޭގެއިތުރުން މި ފާއިތުވި ދުވަސްތަކުގައި ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތުތަކެއް ވެސް އެމްޑީޕީއަށް ލިބިފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
ޖަމީލުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އޭނާ މަރުވީ އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިގެނެއް ނޫން ކަމަށެވެ. އަދި ޖަމީލުގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެހެން އެކަން ހުރި ނަމަވެސް ސޯޝަލް މީޑިއާގައި ޖަމީލުގެ މަރާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވިގެން ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓެން ހެދުމަށް ނިންމި ނަމަވެސް އެކަން ނުކުރެވުނީ އާއިލާއިން އެކަމަށް އެއްބަސް ނުވުމުން ކަމަށް ވެސް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.
ޖަމީލުގެ ހަށިގަނޑު، ހިނަވާގޭގައި ބާއްވާފައި އޮއްވައި އޭނާގެ ގައިގައި ހުރި ނިޝާންތަކެއް ދައްކައި އަނިޔާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ދައުރު ކުރިއެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ، ޕޯސްޓްޕޯޓަމް ހެދުމަށް ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން އެތަނަށް ދިއުމުން އާއިލާއިން އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެފަދަ ވާހަކަތަކެއް ދައުރު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު ދޫ ކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހުގައި ކަމަށެވެ.
ޖަމީލުގެ މަރުގެ ވާހަކަ ދައްކާއިރު ވޭތުވެދިޔަ ފަސްއަހަރު ގަސްތުގައި މެރި މީހުންނާއި ވީނުވީއެއް ނޭނގި ހުޅުމާލޭގެ އެކިތަންތަނުން ކުނިވެ ފުޅައަޅާފައި ވާމީހުންގެ މަރުގެ ތަހުގީގު ކިނބޫޗޯރާ އެމްޑީޕީން ނުބަލައި މިހާރު ތިކިޔަނީ ކޯއްޗެއް
ޖަމީލު ހައްޔަރުކުރީ މޑޕސަރުކާރުން...އޭނަގެއާއިލާ މީހުންނަށްވުރެ އޭނައަށްހެޔޮ އެދޭނެ ކަމެއްނެތް...ކޮންމެސް އެއްޗެކޭކިޔާ އަބަދުވެސް ގައުމު ހަލަބޮލިކުރަން އުޅޭބައިގަނޑެއް ތިއީ..