ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި މައްސަލައެއް ރޭ ދަންވަރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އަނިޔާ ލިބިފައިވަނީ 46 އަހަރުގެ އަންހެނެއްކަން ފާހަގަކޮށް ފުލުހުން ބުނީ ގއ. އަތޮޅު ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މާރާމާރީ ހިނގަން މެދުވެރިވީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
އިއްޔެ ވަނީ ޏ. ފުވައްމުލަކުގައި ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފިރިހެނަކުވެސް ހައްޔަރުކޮށްފައެވެ. އެ ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާގެ މޫނަށް ލިބިފައިވާ ޒަހަމް ފެންނަ ހެން ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ލޭ އައިސް ޒަހަމްވެފައިވާ ތަން ފެނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ގޮތުގައި އެ ފިރިހެން މީހާ ވަނީ އޭނާގެ ކުރީގެ އަނބިމީހާ ދިރިއުޅޭ ގެއަށް ވަދެ އޭނާއަށް އަނިޔާ ދީ މުދަލަށް ގެއްލުން ދީފައެވެ. އެ ގޮތުން އޭނާގެ ލޯ ކައިރިން މޫނު މައްޗަށް ވަނީ ސައިކަލުގެ ތަޅުދަނޑި ކޮއްޕާލާ ހަމަލާ ދީފައި ކަމަށާއި އެ ގޭގެ މުދަލަށާއި ސައިކަލަށް ވެސް ގެއްލުން ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިފައި ވެއެވެ. އެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.