ގާޒާގެ އުުތުރުގައި ހަމާސް ބަލިކޮށްލެވިއްޖެ ކަމަށް އިޒްރޭލުން ބުނިތާ 6 މަސް ފަހުން، ހަމާސްގެ ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލު ސިފައިންގެ 4 މީހަކު މަރާލައި 9 މީހަކު ޒަހަމް ކޮށްލައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ ގާޒާގެ އުތުރުގައި އޮންނަ ޝުޖައްޔާ ސރަަހައްދުގައެވެ.

ހަމާސްގެ އަލް ގަސަމް ބްރިގޭޑުން ބުނެފައި ވަނީ، އިޒްރޭލު ސިފައިން ޓޭންކުތަކުގައި ޝުޖައިޔާއަށް ވަދެގެން އުޅުނު ވަގުތު އިމާރާތެއް ގޮއްވާލައި އަދި ރޮކެޓުން ދިން ހަމަލާތަކުގައި 4 މީހަކު މަރާލެވިފައި ވާ ކަމަށެވ. މީގެ އިތުރުން 9 މީހަކު ޒަހަމްވި މިހާދިސާގައި އިޒްރޭލު ސިފައިން ދުއްވަން ގެންގުޅުނު ޓޭންކްތައްވެސް ވަނީ ހަލާކު ކޮށްލާފައެވެ.

މިހަލާ ދިނުމުގައި މުޖާހިދުން ބޭނުން ކުރީ، އިޒްރޭލުން ބޭނުން ކުރާ އެފް16 މަރުކާގެ ބޯޓަކުން ފޮނުވާލައި ނުގޮވާ އޮތް މިސައިލެއް ކަމަށް ވެސް ބުނެފައި ވެެއެވެ.

މިހާދިސާ އާ ގުޅޭގޮތުން ވާހަކަ ދައްކަމުން އިޒްރޭލު ސިފައިން ބުނެފައި ވަނީ މުޖާހިދުންނާ އިޒްރޭލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި 1 މަރުވެ 9 މީހަކު ޒަހަމްވި ކަމަށެވެ. އިތުރު ގެއްލުމެއްގެ ވާހަކަ އިޒްރޭލު ސިފައިން ދައްކާފައެއް ނުވެއެވެ.

ހަމާސްގެ ގަސަމް ބްރިގޭޑުން ބުނެފައި ވަނީ ގާޒާގެ އުތުރުގައި އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ ކަމަށާއި ޝުޖައްޔާ ތެރެއަށް އެމީހުން ވައްދާ ބައްދާލައިިފައި ވާ ކަމަށެވެ.

މި ސަރަހައްދަށް އިޒްރޭލުން ބޮން އަޅާ ވައިގެ ހަމަލާތައް ދެމުން ގެންދާ އިރު، ޝުޖައްޔާ ހިމެނޭހެން އެ ސަރަހައްދުން 60،000 އެއްހާ މީހުން ގެދޮރު ދޫކޮށް ސަލާމަތް ހޯދަން ވަނީ ފައިބާފައެވެ. ހިފާގެންގުޅޭ ތަކެތި ދޫކޮށް އުނުގައި އޮތް ހެދުމާއެކު ފައިމަގުގައި ގާކުނޑިތަކުގެ ތެރެއިން ދުވަމުން އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިން ސަލާމަތް ވުމަށް ދުވަމުން ދާ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

ޝުޖައްޔާގައި ހަމަލާތައް ވަރުގަދަ ވެފައި ވާ އިރު އުތުރުން ޖަބަލިޔާ ރެފިއުޖީ ކޭމްޕްގައި ވެސް އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ.

އިޒްރޭލުގެ ފައުޖުތަކުން ވައިގެ މަގުން ބާރު ހޯދާ އެއްގަމު މަގުން ޓޭންކްތަކުގައި ގާޒާގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާ އިރު، އެ ހަމަލާތަކުގައި ހަމާސްގެ މުޖާހިދުންވެސް މަރުވަމުން ދާ ކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ.

އޮކްޓޯބަރު 7، 2023 ގައި ހަނގުރާމަ ފެށުނު ފަހުން އިޒްރޭލު ސިފައިންގެ 668 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 300 މީހަކު މަރުވެފައި ވަނީ އެއްގަމު މަގުން އިޒްރޭލު ސިފައިން ގާޒާއަށް އެރިފަހުން ބަދަލު ކުރި ހަމަލާތަކުގައެވެ. މިހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 3،953 މީހަކު ޒަހަމްވެފައި ވާ ކަމަށް ބުނެ އިޒްރޭލުން ބުނެފައި ވަނީ އެމީހުންގެ ހަމަލާތަކުގައި ހަމާސްގެ 15،000 ސިފައިން މަރާލެވިފައި ވާ ކަމަށެވެ.

ގާޒާގެ އުތުރުގެ އިތުރުން ދެކުނު ބިތުގެ ރަފާ އިން ވެސް އިޒްރޭލު ސިފައިންނަށް ކުރިމަތިލާން ޖެހިފައި ވަނީ މުޖާހިދުންގެ ވަރުގަދަ ހަމަލާތަކާއެެވެ. އެގޮތުން އެއްދުވަހާ 8 މީހަކު މަރާލި ކުއްލި ހަމަލާވެސް ކުރިމަތިވީ ރަފާ އިންނެވެ.