ދިވެހިރާއްޖެއިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް އިހަށް ދުވަހު ފެނިފައިވާއިރު، މިއީ މި ބަލި ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މެނިންގޮކޯކޮލް އަކީ ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ސިކުނޑީގެ މެމްބްރޭންތަކަށް އަސަރުކުރާ އަދި ސްޕައިނަލް ކޯޑަށްވެސް އަސަރު ކުރާ ބައްޔެކެވެ.

ށ. ފުނަދޫ، ފަނާރު އައިމިނަތު ނަޝީދާ 2007 ވަނަ އަހަރު ވަނީ މި ނުރައްކާތެރި ބައްޔާ ހަނގުރާމަ ކޮށްފައެވެ. ނަޝީދާ 'ދަ ޕްރެސް' އަށް ކިޔައިދިން ގޮތުގައި އެއީ ހިތްދަތި ތަޖުރިބާތަކެކެވެ. ވޭން ހުރި ދުވަސްތަކެކެވެ. ނަޝީދާ ބުނި ގޮތުގައި އެ ދުވަސްވަރު ރާއްޖޭގައި ޗިކުންގުންޔާ ދިޔައީ އާދަޔާ ހިލާފަށް ފެތުރެމުންނެވެ. އަދި ޗިކުންގުންޔާގެ ގިނަ ކޭސްތަކެއް ފުނަދޫ އިން ވެސް ފެނި އެތައް ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓުކުރިއެވެ. އެއާއެކު ނަޝީދާއަށްވެސް ވިސްނުނީ އޭނާއަށް ޖެހުނީ ޗިކުންގުންޔާ ކަމަށެވެ.

މެނިންގޮކޯކޮލް ޖެހިފައިވާ މީހެއްގެ އަތް

ނަޝީދާގެ ހުޅުތަކުގައި ރިއްސާ ގަދައަށް ހުން އައިސް މާ ގިނައިން ހޮޑުލެވޭތީ ފުނަދޫގެ ހުސްޕިޓަލަށް ދިއުމުން އޭނާވެސް އެޑްމިޓު ކުރިއެވެ. ނަޝީދާ ބުނި ގޮތުގައި އެ ދުވަހު ހެދި ޓެސްޓު ތަކުން އޭނާ ބަނޑު ބޮޑުކަންވެސް އެނގުނެވެ. އެހެންކަމުން ބާރު ގަދަ ބޭސް ނުދެވޭނެ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ހާލަތު ކުޑަކޮށް ރަނގަޅު ވުމުން އެރޭ އޭނާ ގެއަށް ދޫކޮށްލިކަމަށާއި ނަމަވެސް ދޫކޮށްލި ދުވަހުގެ ރޭ އަނެއްކާވެސް އާދަޔާ ހިލާފަށް ބޮލުގައި ރިއްސުމާއެކު ހޮޑު ލެވުނު ކަމަށް އޭނާ ބުންޏެވެ. ނަޝީދާ ކިޔައިދިން ގޮތުގައި އެރޭ އޭނާގެ ފައިކޮޅުން ވާގި ދޫވެ، އެއްވެސް ތަނެއް ނުފެނި ނޭވާލާންވެސް އުނދަގޫ ވިއެވެ. މިއާއެކު އަނެއްކާވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށް އެމަޖެންސީގައި ވަގުތުން ހދ. ކުޅުދުއްފުއްޓަށް ފޮނުވާލިއެވެ. އޮކްސިޖަން ގުޅާފައި އޮތް ނަމަވެސް ނަޝީދާއަށް ވާނުވާ އެނގޭވަރަށް ވުރެވެސް ވޭން ބޮޑުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީއޫގައި އޮއްވާ ނަޝީދާއަށް ހޭވެރިކަން ވީއިރު ވައިގެ މަގުން އޭނާ މާލެއަށް ގެންދަން ތައްޔާރީތައް ވަމުން ދާކަން އޭނާގެ ބައްޕަގެ ފަރާތުން އެނގުނެވެ. ހަމަ އެރޭ މާލެ ގެންގޮސް އައިޖީއެމްއެޗްގެ އިމަޖެންސީގައި އޭނާއަށް ވަނީ ފަރުވާ ދީފައެވެ.

އައިޖީއެމްއެޗް އިން ހެދި ޓެސްޓު ތަކުން ނުރައްކާތެރި މެނިންގޮކޯކަލް ބައްޔަށް އޭނާ ޕޮޒިޓިވް ކަން އެނގުނެވެ. އެއާ އެކު ފަރުވާ ފެށުމުގެ ކުރިން ކަލްޗަރަލް ޓެސްޓުތަކެއް ހެދިއެވެ.

މައިކަށިން ދިޔަ ނަގައިގެންނާއި ބޮލުގެ ސީޓީ ސްކޭނެއްވެސް ހެދި. އެ ހިސާބުން މީހާ ކޯމާ އަކަށް ދިޔަ. 1 ހަފްތާ ވަންދެން ކޯމާއެއްގައި އޮވެފަ ހޭވެރިކަން ވީއިރު އަތުގެ އިނގިއްޔެއްވެސް އަމިއްލަ އަކަށް ގުޑުވައެއް ނުލެވޭ
އައިމިނަތު ނަޝީދާ

މެދުނުކެނޑި 21 ދުވަސް ވަންދެން ބާރުގަދަ އެންޓިބަޔޮޓިކްސް ދިން ކަމަށާއި އެކަމުގެ ސަބަބުން ބޮލުގެ އިސްތަށިގަނޑާއި ބުމަޔާއި އެސްފިޔަތަކަށްވެސް އަސަރުކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއަށްފަހުން މެނިންގޮކޯކަލް އަށް މިހާރު ނެގަޓިވް ކަމަށް ބުނެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ނަމަވެސް އޭރުވެސް ނަޝީދާ އިނީ ފުރޮޅުލީ ގޮނޑީގައެވެ. އަމިއްލައަށް ހިނގާ ބިނގާވެ ނޫޅެވެއެވެ.

ބަނޑުގައި ވާ ދަރިފުޅުގެ ހާލަތު ރަނގަޅު ނުވުމާއެކު އިތުރު ފަރުވާއަށް އިންޑިއާއަށް ނަޝީދާ ދިޔައެވެ. ދަރިފުޅު އެބޯޓު ކުރަން ޖެހުމުން ނަފްސާނީ ގޮތުން އަސަރުކޮށް ޑިޕްރެޝަނަށް ދިޔަކަމަށާއި އަދި ޑިޕްރެޝަނަށް ބޭސް ވެސް ކޭ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގައި ފަރުވާ ދިނުމަށް ފަހު ޑޮކްޓަރު ބުނީ މެނިންގޮކޯކޮލް ބަލިން ރަނގަޅު ވީ ނަމަވެސް އެ ބަލީގެ ސަބަބުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނާނެ ކަމަށް. ހިނގަން ވެސް ކާން ވެސް އަލުން ޖެހޭނީ ދަސްކުރާށޭ ޑޮކްޓަރު ބުނީ.
އައިމިނަތު ނަޝީދާ

އިންޑިއާގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގޮސް އެނބުރި ރާއްޖެ އައި އިރު ކޮންމެވެސް ވަރަކަށް މީހުންގެ އަތުގައި ހިފައިގެން ހިނގާލެވޭ ކަމަށާއި މަޑު ކާއެއްޗެހި ކެވޭ ކަމަށް ނަޝީދާ ކިޔައިދިނެވެ.

ސިއްހީ ގޮތުން ދިމާވެފައިވާ ގޮންޖެހުން ތަކާ ކުރިމަތިލާ ނިކުތީ ކަސްރަތުގެ ދާއިރާއަށް

ނަޝީދާ އަކީ މިއަދު ޖިމް އިންސްޓްރަކްޓަރެކެވެ. އެކި ރަށްރަށަށް ގޮސް ކަސްރަތުގެ އެކިއެކި ޕްރޮގްރާމުތަކާއި އޮންލައިންކޮށް ވެސް ކަސްރަތު ކުލާސްތަށް ނަޝީދާ ދަނީ ހިންގަމުންނެވެ. ނަޝީދާގެ ހަށިގަނޑު ފިޓު ވީ ކަސްރަތުގެ މައިދާނަށް ނުކުތް ހިސާބުންނެވެ. ގަވައިދުން ކަސްރަތު ކުރަން ފެށުމުން ހިތްހަމަ ޖެހުން ލިބުނެއެވެ. ނަފްސާނީ ބަލިމަޑުކަމުން އަރައިގަންނަން ވެސް ލިބުނު އެހީތެރިކަމަކަށް އެކަން ވިއެވެ.

އައްޑޫ ހިތަދޫގައި ނަޝީދާ ކުރިއަށް ގެންދިއަ ޒުމްބާ ޕްރޮގުރާމުގެ ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކުރުން / ފޮޓޯ: ނަޝީދާ

އެދުވަހުގެ ފަހުން މިއަދާ ހަމައަށްވެސް ނަފްސާނީ ބަލީގައި ބޭސް ނުކާކަމަށާއި ގަވައިދުން ކަސްރަތު ކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މިފަދަ ބަލިތަކުން މީހާ ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ނަޝީދާ ބުނެއެވެ. ނަޝީދާގެ ނަސޭހަތަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާ ހިތްވަރުގަދަ ބަޔަކަށް ވުމަށެވެ. އަދި ބޭނުންވާ އެހީތެރިކަން ހޯދުމަށް ފަސްނުޖެހޭ ބަޔަކަށް ވުމެވެ.