ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތަކީ ފާއިތުވި 10 އަހަރުގެ ސަރުކާރުތަކުގެ ސިޔާސަތުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވިދާޅުވެއްޖެއެވެ.
އެރްދެމް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެރްދެމް ވިދާޅުވީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އިގުތިސޯދީ ހިރާސްތަކަކީ ފާއިތުވި 10 އަހަރު ރާއްޖޭގެ ދަރަނީގެ ސްޓޮކް އިތުރުވުމާއި، އެ މުއްދަތުގައި ބަޖެޓުގެ ޑެފިސިޓާއި ކަރަންޓު ޑެފިސިޓު ބޮޑުވަމުން ދިއުމުގެ ނަތީޖާ ކަމަށެވެ.
ރާއްޖެއަކީ ވަރަށް މަދު ބާވަތެއް ނޫނީ ހުރިހާ މުދަލެއްވެސް ބޭރުން އެތެރެކުރާ ގައުމަކަށްވަތީ އިމްޕޯޓާއި އެކްސްޕޯޓު ފަރަގު ބޮޑުކަން ފާހަގަކުރައްވާ އެރްދެމް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު އިތުރަށް ފުޅާ ކުރުމަކީ ނުވަތަ އިތުރަށް ދަރަންޏަށް ފައިސަ ހޯދުމަކީ މި މައްސަލަތައް ހައްލު ކުރެވޭނެ ގޮތް ނޫން ކަމަށެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކޮށް މާލީ އަދި ކަރަންޓް އެކައުންޓް ޑެފިސިޓުތައް ކުޑަ ކުރުމާއެކު ދެ ބާވަތުގެ ޑެފިސިޓު ދަށް ކުރެވިއްޖެނަމަ އެމްއެމްއޭގެ ރިޒާވަށް ލުއި ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެރްދެމް މިފަދައިން ވިދާޅުވެފައިވާއިރު، ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިން ވަނީ ދަށްކޮށްފައެވެ. މިދިޔަ ދެ އަހަރު ފިޗުން ރާއްޖެއަށް ދީފައިވަނީ 'ބީ ނެގެޓިވް' ގެ ރޭޓިންގް އެކެވެ. ނަމަވެސް މިއަހަރުގެ ރޭޓީންގް ފިޗުން ވަނީ 'ސީސީސީ ޕްލަސް' އަށް ދައްކޮށްފައެވެ.
ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑުކަން ފާހަގަކޮށް އެ ރޭޓިންގް ދިން މައިގަނޑު ސަބަބަކަށް ފިޗުން ބުނެފައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތުގެ ގޯސްވަމުން ދިޔުމުން ރާއްޖެއަށް ހުރި ނުރައްކާތައް ބޮޑުވުން ހިމެނޭ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭއިރު ބޭރުން ފައިސާ ހޯދާ މިންވަރު މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު މި ސަރުކާރުން ކުޑަ ކުރާނެ ކަމަށް ފިޗުން ލަފާކުރެއެވެ. މީގެ އިތުރުން ސަރުކާރުން ހުށަހަޅާ މާލި އިސްލާހީ އެޖެންޑާގައި ހިމެނޭ ސަބްސިޑީ ރިފޯމްތައް ތަންފީޒުކުރަން ފަށާނީ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށް ލަފާކޮށް އެކަމުގެ ސަބަބުން ހާލަތު އިތުރަށް ނާޒުކުވެ އަޅަން ޖެހޭ ފިޔަވަޅުތައް ބޮޑުވެ އެކަން ކުރަން އުނދަގޫވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.