ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެންއާ، މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރާއި ސެކްރެޓަރީ ބްލިންކެން ވަނީ ރާއްޖެއާއި އެމެރިކާ އާއި ދެމެދު ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މީޣެ އިތުރުނ ދިފާއީ އަދި ސަލާމަތީކަންކަމުގައި އެއްބާރުލުން ދިނުމާ، ޑިމޮކްރަސީ ކުރިއެރުވުމާއި ހަރުދަނާކުރުމާ، އިގްތިސާދީ ކުރިއެރުމަށް ވައުދުވުމާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ރާއްޖެ އާއި އެމެރިކާއިން ވަނީ ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް އާ މަގުތައް ހޯދުމާއެކު، ގަވާއިދުތަކަށް ބިނާކޮށް ބައިނަލްއަގްވާމީ ނިޒާމެއް ހިފެހެއްޓުމުގެ މުހިންމުކަން ގަބޫލުކޮށް، ސަރަހައްދީ ހަމަޖެހުމާއި ކަނޑުގެ ސަލާމަތާއި ސުލްހަ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.

ސެކްރެޓަރީ ބްލިންކެން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ ފޯރަމްތަކުގައި ރައްޖެއިން އިސްނަގައިގެން ދައްކަމުން ދަ ނަމުނާއަށް ޝުކުރު އަދާކޮށްފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ އެމެރިކާއިން ފޯރުކޮށްދޭ ތައުލީމީ ފުރުސަތުތަކުގެ މުހިންމުކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ރާއްޖެއަށް ވިސާ ފެސިލިޓޭޝަންގެ ހިދުމަތް ފަސޭހަ ކޮށްދިނުމުން ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ސަގާފީ ބަދަލުކުރުމާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމަށް މަގުފަހިވާނެކަން ފާހަގަ ކުރައްވާފައެވެ.