ދައުލަތުގެ ދަރަނި ބެލެހެއްޓުމަށްޓަކައި، ފިނޭންސް މިނިސްޓްރީގެ ދަށުން ހާއްސަ އިދާރާއެއް ހަދަން ޖެހޭނެ ކަމަށް ހިމަނައި، ސަރުކާރުގެ ފަރާތުން ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި ބިލުގެ ބޭނުމަކީ، ދައުލަތުން ދަރަނި ނަގައި ބަލަހައްޓަނީ ގައުމުގެ އިގްތިސޯދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވި، ގައުމުގެ އިގްތިސޯދީ ފުދުންތެރިކަމާއި ދައުލަތުގެ މާލިއްޔަތުގެ ނިޒާމް ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި ކަމަށް، ބިލުގެ ބަޔާނުގައި ވެއެވެ.

މި ބިލުގައި ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި، ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިން ގެރެންޓީ ދޫކުރުމާއި، ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓުކުރުމާއި މޮނިޓާކުރެވޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

އެގޮތުން، ދައުލަތުގެ ނަމުގައި ދަރަނި ނަގާނެ ގޮތާއި ދަރަނި ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ދަރަނި ނެގުމުގެ ބޭނުންތައް ބަޔާންކޮށްފައިވެއެވެ. ބިލުގައިވާ ގޮތުން، ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނަގަންޏާ އެ ހުށަހެޅުމެއް ހުށަހަޅަން ވާނީ ސީދާ ފިނޭންސް މިނިސްޓަރަށެވެ. އަދި ދަރަންޏާ ގުޅޭ ބާރު ލިބިފައިވަނީ ފިނޭންސް މިނިސްޓަރަށް ކަމަށް، މި ބިލުގައިވެއެވެ.

ބިލުގައިވާ ގޮތުން، ދަރަނި ބެލެހެއްޓުމަށްޓަކައި ހަދާ އޮފީހުގެ އެހީތެރިކަމާ އެކު، ކޮންމެ މާލީ އަހަރެއްގައި ވެސް ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީއެއް އެކުލަވާލައި، ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އާންމުކުރަންވާނެއެވެ.

މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ދަރަނި ބެލެހެއްޓުމަށްޓަކައި ހަ މަސް ދުވަހުގެ ތެރޭ އިދާރާއެއް އުފައްދަންވާނެއެވެ. އޭރުން މިހާރު ފިނޭންސް މިނިސްޓްރީގެ 'ޑެޓް މެނޭޖްމެންޓް ޑިޕާޓްމެންޓް'ގެ މުވައްޒަފުންނާއި ވަސީލަތްތަކާއި އިމްތިޔާޒުތައް އާ އިދާރާގެ ދަށަށް ބަދަލުވާނެއެވެ.

ދައުލަތުގެ ދަރަނި ބަލަހައްޓާ އޮފީހުގެ ބައެއް ޒިންމާތައް:

  • ދައުލަތުން ނަގާފައިވާ ދަރަންޏާއި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީތަކާއި ދޫކޮށްފައިވާ ލޯނުތަކުގެ ރެކޯޑުތައް ބަލަހައްޓައި ރެކޯޑުކުރުމާއި ބެލެހެއްޓުން
  • ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްކުރުން
  • ދައުލަތުގެ ދަރަނި ދައްކަން ޖެހޭ މުއްދަތުތަކުގައި ދެއްކުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްކުރުން