އައްޑޫ ސިޓީ ފޭދޫގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަރުވެފައިވަނީ އެ ރަށު ގަރާޖެއްގައި މަސައްކަތްކުރަމުން ދިޔަ ނޭޕާލުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މިއަދު 9:40 ހާއިރު މޫދުގައި އޮއްވާ ފެނިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ފޭދޫ ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.