ރަށްރަށަށް ޔޫޓިލިޓީގެ ހިދުމަތްދޭ ފެނަކަ ކުންފުންޏަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ފެނަކަ ހިންގުމަށް ވޭތުވެދިޔަ ސަރުކާރުތަކުން ހަވާލުކުރި އިސްވެރިންގެ އިހުމާލުން، އާންމުންނަށް އެ ކުންފުނިން ދޭ ހިދުމަތްތަކަށް ބުރޫއަރައި، ފޫނުބެދޭ ވަރުގެ ގެއްލުމެއް ކުންފުންޏަށް ލިބެމުންދާ ކަމަށެވެ.

މި ކަމަކީ އާންމުންގެ މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށް ވާތީ، އިބްރާހީމް ދީދީ ވިދާޅުވީ، މި މައްސަލަ ހުށަހެޅުއްވީ، ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ ގެނެސް، ފެނަކަ އަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އަޅަމުންދާ، ނުވަތަ އަޅަން ގަސްދުކުރާ ފިޔަވަޅުތައް ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ.

މި މައްސަލަ އަށް ބަހުސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 67 މެންބަރުން ވެސް ވަނީ ވޯޓު ދެއްވައިފައެވެ.

މައްސަލަ ހުށަހެޅުއްވި މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، މިދިޔަ ފަސް އަހަރު ފެނަކައިން ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ ދަތުރުތަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށް، ޖަނަރޭޓަރުތައް ސާވިސްކުރުމަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށް، އެ ކުންފުނީގެ 60 އެއްހާ އިންޖީނުގެތަކާއި އޮފީސްތައް އިމާރާތްކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއްވެސް މަޝްރޫއެއް ނުނިމޭ ކަމަށާއި، މަޝްރޫއުތަކަށް ހަރަދުކުރި ފައިސާ އަށް ވީނުވީ އެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓީއޯ އަށް ވެސް ފެނަކައިން ދެ ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އޭގެ ތެރެއިން އެއް ރުފިޔާ ވެސް މިހާތަނަށް ނުދައްކާ ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އިބްރާހީމް ދީދީ ވިދާޅުވީ މި ކަންތައްތަކާ ގުޅިގެން ސައީދު މަޖިލީހަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.

މިދިޔަ ނޮވެމްބަރު އޭރުގެ އިންތިގާލީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަން 4.1 ބިލިއަންގެ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ. އޭގެ ތެރެއިން 3.2 ބިލިއަން ރުފިޔާ އަކީ ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ފައިސާ ކަމަށާއި، 901 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ.

މީގެ އިތުރުން، 1،149 ވެންޑަރުންގެ ބިލުތަކަށް ފެނަކަ އިން އަދިވެސް ފައިސާ ނުދައްކާ ކަމަށާއި، އެގޮތުން ވެންޑަރުންނަށާއި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާ ދައްކަން ޖެހޭ މުއްދަތު ފާއިތުވެ، އަހަރަކަށް ވުރެ ދިގުލައިގެން ގޮސްފައިވާ ކަމަށް ވެސް، އެ އޮފީހުން އޭރު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ފެނަކަ މާލީ ގޮތުން އުނދަގޫ ހާލަތަކަށް ވެއްޓެން ދިމާވި ސަބަބުތަކުގެ ތެރޭގައި ފެނަކައިން ޑެފިސިޓް ފައިނޭންސްކުރާނެ ހަރުދަނާ ގޮތެއް ފާހަގަކޮށްފައި ނެތުމާއި، ބަޖެޓުކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ޕްރޮކިއުމެންޓްތަކާއި މަޝްރޫއުތަކާއި މުވައްޒަފުން ނެގުން ފަދަ ކަންކަން ކުރިއަށް ގެންދިއުމާއި، އެ ކަންކަމުގެ ސަބަބުން ފެނަކައިގެ ދަރަނި ބޮޑުވެ ދަރަނިތައް އަދާކުރުމަށް ބޮޑެތި އިންޓްރެސްޓްތަކުގައި ލޯނު ނަގާފައި އޮތުން ފަދަ ކަންކަން ހިމެނެއެވެ.