ބީއެމްއެލް އިން ޑޮލަރު ވިއްކުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑަށް ޖެހޭ ވަރު އެކެނި ދޫކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ދެން ޑޮލަރު ވިއްކާނީ އެ ދަރިވަރަކު ހުންނަ ގައުމަށްށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޭން ކަނޑައަޅާފައިވާ ސްޓައިޕެންޑަށް ވާ ފައިސާ އެކެނި ކަމަށެވެ. މީގެކުރިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވަނީ 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާފައެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުން މިފަދައިން ނިންމާފައިވާކަން ދަރިވަރުންނަށްވެސް އަންގާފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަނުން ގައުމުތަކަށް ކަނޑައަޅާފައިވާ ބައެއް ސްޓިޕެންޑު:

  • މެލޭޝިއާ - 416 ޑޮލަރު
  • އިންޑިއާ - 440 ޑޮލަރު
  • ބަންގްލަދޭޝް - 400 ޑޮލަރު
  • ތައިލެންޑު - 598 ޑޮލަރު

ހަޔާ އެޑިއުކޭޝަނުން ބުނީ ސްޓައިޕެންޑުގެ ގޮތުގައި އެކި ގައުމުތަކަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މާކެޓުން ޑޮލަރު ގަންނަން ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ބީއެމްއެލް އިން މިހާރު ވެސް ވިއްކަމުން އަންނަ ކަމަށާއި، ކްރެޑިޓް ކާޑު ލިމިޓެެއް ނެތި ބޭރުގެ މުއާމަލާތުތައް ހިންގޭނެ ގޮތެއް ފަހިކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މިކަން ކުރެވޭނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓި، ރަސްމީކޮށް ޑޮލަރު ސިސްޓަމަށް ވަންނަން ފެށުމުން ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކުރާ ރާއްޖޭން ބޭރުގެ މުއާމަލާތްތައް މަހުން މަހަށް އިތުރުވަމުންދާ ކަމަށާއި މިހާރު ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރު ނުވާހާ ހިނދަކު، ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކުރުމަކީ ބީއެމްއެލް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.