ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މާފުވާ މިންވަރު 10،000 ރުފިޔާއަށް އިތުރުކުރުމަށް ނިންމިައިފިއެވެ.

މީގެ ކުރިން އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރަނީ 6,000 ރުފިޔާއެވެ. ނަމަވެސް ކަސްޓަމްސް އިން އެ އަދަދު މިވަނީ 10،000 ރުފިޔާއަށް އިތުރުކޮށްފައެވެ. މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

ނަމަވެސް ދުންފަތާއި ނިކޮޓިން ހިމެނޭ ބާވަތްތަކާއި, ޝީޝާ, އީ-ސިގިރެޓު, އެނާޖީ ޑްރިންކް, ސިންގަލް ޔޫސް ހަތަރު ފުރޮޅުލީ ދުއްވާ އުޅަނދު, ޕްލާސްޓިކް, މޮޓޯސައިކަލާއި އޮޓޯސައިކަލު, ކަނޑުގައި ދުއްވާ ތަކެތި އަދި އުޅަނދުތަކުގެ ސްޕެއާ ޕާޓްސް ފަދަ ތަކެތި މި އުސޫލުގެ ދަށުން އިސްތިސްނާ ވާނެއެވެ.

މީގެ އިތުރުން ޝިޕްމެންޓްގައި ހިމެނޭތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައ،ި އަމިއްލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތިބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެތީގެ އިތުރުން މުދަލުގެ އަގު 10,000ރ. އަށް ވުރެ ކުޑަ ވިޔަސް, މުދަލުގެ ބާވަތާއި އަދަދަށް ނިސްބަތްކޮށް, އެއީ ވިޔަފާރި މުދަލުގެ ގޮތުގައި ކަސްޓަމްސްއަށް ގަބޫލުކުރެވޭ ތަކެތި ވެސް މި ބަދަލުން އިސްތިސްނާ ވާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މިފަދަ ތަކެތިން ޑިއުޓީ މައާފު ކުރާ މިންވަރު 10,000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފައި ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުން ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ޑިއުޓީ މައާފު ކުރުމުގެ އިހްތިޔާރުގެ ދަށުންނެވެ.