ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު އަދިވެސް ރަނގަޅު ނޫން ކަމަށް އޭޑީކޭ އިން ބުނެފިއެވެ.
ބަކާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާން ދޭން ފަށާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ހައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު މީގެ ދެތިން ދުވަސް ކުރިން މާލެ އައި ބަކާގެ ހާލު ގޯސްވެފައި ވަނީ ހުން އައިސް ނޭވާލާން އުނދަގޫ ވުމުންނެވެ.
އަދި އޭނާއަށް ވަނީ ވެންޓިލޭޓަރުގައި ވެސް ފަރުވާ ދީފައެވެ. އެކަމާ ގުޅޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަކާގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނީ އަދިވެސް އައިސީޔޫގައި ކަމަށް މައުލޫމާތު ދިނެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު އޭޑީކޭ އިން ހިއްސާކޮށްފައި ނުވެއެވެ.
ހައްޖުގެ އަޅުކަމަށް ބަކާ ގޮސްފައި ވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައެވެ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބަކާ ވަނީ ސާފް ޗެމްޕިއަންޝިޕް 2008ގައި ރާއްޖެއިން ފުރަތަމަ ކާމިޔާބުކުރި ޓީމުގައި ވެސް މޮޅުކުޅުމެއް ދައްކާފައެވެ.
އޭގެ ފަހުން 2018ގައި އެ ތަށި ދެވަނަ ފަހަރަށް ހޯދުމަށްވެސް އޭނާ ވަނީ މުހިންމު ރޯލެއް އަދާ ކޮށްފައެވެ. ސ. ހިތަދު އަށް އުފަން ބަކާ އެއްވަނަ ޑިވިޝަނުގައި އެންމެ ފަހުން ކުޅުނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.