ގއ. ދެއްވަދޫ ކައުންސިލަށް ލިބުނު ފައިސާ ކަމަށް ހިސާބުތަކުން ދައްކާ އަދަދާއި މާލީ ބަޔާނުން ދައްކާ އަދަދުގައި 4.20 މިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށް އޮޑިޓާ ޖެނެރަލް ތައްޔާރު ކުރި ރިޕޯޓްގައި ބުނެފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ގއ. ދެއްވަދޫ ކައުންސިލް އިދާރާގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޑިސެމްބަރު 31، 2022 އަށް ނިންމާފައިވާ މާލީ އަހަރުގެ މާލީ ބަޔާނުގައި ހިމަނާފައިވާ އާމްދަނީއާއި ހަރަދުގެ އަދަދުތަކާއި، ކައުންސިލް އިދާރާގެ ހިސާބުތަކުން ދައްކާ އަދަދުތަކާ ދިމާ ނުވެއެވެ. އަދި އެ ފަރަގު ދެނެގަނެ ރީކޮންސައިލް ކޮށްފައި ނުވާތީ މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރުވެފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
އެ އަހަރު އެ ކައުންސިލަށް ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައި ވަނީ ޖުމްލަ 12.06 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ އިދާރާގެ ހިސާބުތަކުން، ވިޔަ މޮޑިއުލްއިން ދައްކަނީ އެ އަހަރު ލިބުނީ 7.87 މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އެހެންކަމުން ކައުންސިލް އިދާރާއަށް ޖުމްލަ އާމްދަނި ގޮތުގައި ލިބުނު ކަމަށް މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދު އެ އިދާރާގެ ހިސާބުތަކުން ދައްކާ އަދަދަށް ވުރެ 4.20 މިލިއަން ރުފިޔާ އިތުރުވެއެވެ.
ލިބުނު އާމްދަނީގައި މިހާ ބޮޑު ފަރަގެއް އޮތް އިރު އެ ކައުންސިލުން އެ އަހަރު ކުރި ހަރަދުގައި ވެސް ފަރަގެއް ހުރި ކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މާލީ ބަޔާނުގައި އެ އަހަރު ކުރި ޖުމްލަ ހަރަދުގެ ގޮތުގައި ބަޔާން ކޮށްފައިވާ އަދަދަކީ 10.71 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަހަރުގެ އެ އިދާރާގެ ހިސާބުތަކުން ވިޔަ މޮޑިއުލް އިން ދައްކާ ގޮތުގައި އެ އަހަރުގެ ޖުމްލަ ހަރަދަށް ހިނގާފައި ވަނީ 7.45 މިލިއަން ރުފިޔާއެވެ. އެހެންކަމުން މާލީ ބަޔާނާއި އެ އިދާރާގެ ހިސާބުތަކުން ދައްކާ އަދަދުގެ މެދުގައި 3.25 މިލިއަން ރުފިޔާގެ ފަރަގެއް ވަނީ ފާހަގަވެފައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
ހަމައެއާއެކު އެ އަހަރު ނިމުނު އިރު ހުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ދެއްވަދޫ ކައުންސިލް އިދާރާގެ ލިޔެކިޔުންތަކުން ފައިސާ ހުރި އަދަދު ދައްކާ އަދަދު ތަފާތު ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ގޮތުން މާލީ ބަޔާނުން ދައްކާ ގޮތުގައި 2022 ގެ ނިޔަލަށް އެ ކައުންސިލްގައި ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދަކީ 1.85 މިލިއަން ރުފިޔާއެވެ.
ނަމަވެސް އެ ކައުންސިލްގެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އެ ކައުންސިލްގައި ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދީ 153،345 މިލިއަން ރުފިޔާއެވެ. މި އަދަދަކީ ތިޖޫރީ ބާކީ އާއި ބޭންކް ސްޓޭޓްމަންޓް އިން އަހަރުގެ ނިޔަލަށް ދައްކާ ބާކީއެވެ. އެހެންކަމުން އެ އިދާރާގެ ތިޖޫރީ ބާކީ އާއި ބޭންކް ސްޓޭޓްމަންޓް އިން ދައްކާ އަދަދަށް ވުރެ 1.70 މިލިއަން ރުފިޔާ އިތުުރުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެ ކައުންސިލްގެ އިދާރާއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ލިބެންޖެހޭ ފައިސާގެ ރިކޯޑް ތައްޔާރުކޮށްފައިވާ އިރު އެ އިދާރާގެ ކުލީ ބިންތަކުން 2022ގެ ނިޔަލަށް 550،074 ރުފިޔާ ލިބެންޖެހެއެވެ. ނަމަވެސް ލިބެންޖެހޭ ފައިސާގެ ގޮތުގައި މިލްކިއްޔާތާއި މާލި ޒިންމާތަކުގެ ނަޔާނުގައި ހިމަނާފައި ވަނީ 61،361 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. މާލީ ބަޔާނޫގައި މި އަދަދު ހިމްނާފައިވާއިރު، އެ ކައުންސިލުން ވަނީ 488،713 ރުފިޔާ މަދުން ހިމަނާފައި ކަމަށް އޮޑިޓް ރިޕޯޓުން ބުނެއެވެ.
ބިން ތަކުގެ ކުލި ނުލިބިގެން ސިޓީއިން އެކަން އަންގާފައިވާ ކަމަށާއި، އަދި ބައެއް ބިންތަކުގެ ކުލި ހޯދަން ކޯޓު މަރުހަލާ ފަށަން އުލޭ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވީ ނަމަވެސް މިކަމާ ގުޅޭ ލިޔެކިޔުން އޮޑިޓަށް ލިބިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ވެސް އެ ފިނޭ ކައުންސިލްގެ 2022 ވަނަ އަހަރުގެ އޮޑީޓް ރިޕޯޓުގައި އިތުރު މައްސަލަތައް ހުރި ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރި ގޮތުގެ ބަޔާނުގައިވާ ފާސްކުރި ބަޖެޓު، ރިވައިޒްކުރި ބަޖެޓް އަދި ހިނގި ހަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދާއި ތަނުގެ ރިކޯޑްތަކާ ދިމާ ނުވެއެވެ. ހަރުމުދަލުގެ ރަޖިސްޓްރީ ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމާއި މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާނުގައި ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ވެސް އޮޑީޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.