ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގެ ޓިކެޓް ދެއްވަން މާކުރިން ވެސް ރޭއްވެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ނަމަ ޕާޓީން ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެ ކަންވެސް މާ ކުރިން ވިސްނިވަޑައިގެންނެވި ކަމަށެވެ.
އެހެންކަމުން 30 އަހަރުގެ ތަޖުރިބާ އާއި އެކީގައި ވިސްނަމުން ގެންދެވީ ޕާޓީ މަގުމަތިވިޔަ ނުދޭންކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އޭރު ވިސްނީ ރައްޔިތުން ބިކަވިޔަ ނުދީ މި ގައުމުގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދީ އަމާން ވެއްޓެއް ގާއިމްކޮށް ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ކަމަށެވެ. "އެހެންވެގެން ރާވަމުން ގެންދެވީ. ޕްލޭން އޭ ހަދާފަ، ބީ ހަދާފަ، ސީ ހަދާފަ އުޅުނުއިރުވެސް އެމަނިކުފާނުގެ އެއްބަސްވުމެއްގައި، ރުހުމުގައި ޕީޕީއެމް/ޕީއެންްސީއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަން އެނގޭ" އަބްދުއް ރަހީމް ވިދާޅުވިއެވެ.
ރާއްޖޭގައި މީގެކުރިން ވެރިކަންކުރެއްވި ބޭފުޅުން ޕާޓީއާއި ސަރުކާރު ހިންގެވި ގޮތާއި ރައީސް މުއިއްޒު ވެރިކަން ހިންގަވާ ގޮތުގައި ހުރި ތަފާތުތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން ސިޔާސީ ގޮތުން ކުރެއްވި ކަންކަމުގެ ސަބަބުން ޕާޓީއާއި ސަރުކާރަށް ގެއްލުންތަކެއް ލިބުނުކަމަށެވެ. ރައީސް މުއިއްޒުއަކީ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި އަޅާބަލާއިރު ވަރަށް ތަފާތު ބޭފުޅެއްކަން ހާމަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީގޮތުން ބޮޑު ކަމެއް ދިމާވުމުން އެމަނިކުފާނު އަބަދުވެސް ޕާޓީގެ ލީޑާޝިޕްއާއެކު މަޝްވަަރާ ކުރައްވާކަމަށެވެ.
މިއަދު ވެރިކަމުގައި އޮތް ޕީއެންސީއާއި ޕީޕީއެމްއިން މަސައްކަތްކުރަމުންދަނީ ހަރުދަނާ ލީޑަރޝިޕެއްގެ ދަށުންކަމަށާ، އަދި ސިޔާސީގޮތުން ސަރުކާރު ބަލިކޮށްލުމަކީ ވާނޭކަމެއް ނޫންކަމަށެވެ.