ރަފާގެ އެންމެ އެތެރެއަށް ވަދެ ޔަހޫދީ ސިފައިން ހަމަލާ ދެމުން ގެންދާއިރު އެމީހުނާ ކުރިމަތިލައި މުޖާހިދުން ދޭ ހަމަލާތަކުގައި ޒަހަމްވާ ސިފައިން ސަލާމަތް ކުރަން އުޅުނު ހެލިކޮޕްޓަރަކަށް މިސައިލް ހަމަލާއެއް ދީފިއެވެ.
މި ހަމަލާ ދީފައިވަނީ ހަމާސް އިން ރަފާގެ ދިފާއުގައި ކުރާ ހަނަގުރާމަ އާ ބައިވެރިވެ އިސްލާމިކް ޖިހާދުން ކަމަށް ހަބަރުތައް ބުނެއެވެ.
ސާފޭސް ޓް އެއާ (ބިމުން ވަޔަށް) ފޮނުވާލައި މިސައިލަކުން ހެލިކޮޕްޓަރަށް ހަމަލާ ދިން ނަމަވެސް އެ ގޮވާ ވެއްޓޭވަރެއް ނުވެއެވެ.
އެމެރިކާ އަށް ނިސްބަވްތާ ތިންކް ޓޭންކެއް ކަމަށް ވާ އިންސްޓިޓިއުޓް ފޮ ދަ ސްޓަޑީ އޮފް ވޯ އަދި ކްރިޓކަލް ޓްރެޓްސް ޕްރޮޖެކްޓް އިން ބުނީ އިސްލާމިކް ޖިހާދުން އެ ހަމަލާ ދިނުމަށް ބޭނުން ކޮށްފައި ވަނީ ރަޝިއާގައި އުފައްދާފައި ވާ އެސްއޭ-18 މަރުކާގެ ޕޯޓަބަލް ލޯންޗަރެއް ކަމަށެވެ.
އަދި ހަމަލާ ދިނީ މުޖާހިދުންގެ ހަމަލާތަކުގައި ޒަހަމްވި އިޒްރޭލުގެ ބައެއް ސިފައިން ވައިގެ މަގުން އިޒްރޭލަށް ގެންދަށް އުޅުމުގެ ތެރޭގައި ކަމަށް ވެސް ބުނެއެވެ.
އިސްލާމިކް ޖިހާދުން މިހަމާލާ ދިން އިރު ގާޒާގެ އެހެން ބައެއް ސަރަހައްދުތަކުގައި ޕޯޓަބަލް ރޮކެޓް ބޭނުން ކޮށްގެން މުޖާހިދުން ވަނީ އިޒްރޭލުގެ ފައުޖުތަކަށް އަމާޒުކޮށް ހަމަލާތަކެއް ވެސް ދީފައެވެ. އޭގެ ތެރޭގައި ގާޒާގެ މެދުތެރޭގެ ނަޒާރިމް ކޮރިޑޯ ސަރަހައްދާއި ދެކުނުން ކަރީމް އަބޫ ސާލިމް ސަރަހައްދު ހިމެނެއެވެ. ކަރީމް އަބޫ ސާލިމް އަކީ އިޒްރޭލާއި ގާޒާ އާ ދެމެދު ބޯޑަރު ހުރަސްކުރާ ސަރަހައްދެވެ.
މީގެ އިތުރުން ނުސައިރާތު ސަރަހައްދުންވެސް 3 ރޮކެޓެއް ފޮނުވާލި ކަމަށް އަލްޖަޒީރާގެ ނޫސްވެރިން ބުނެއެވެ. އެ ހަމަލާތައް އަމާޒު ކުރީ އިޒްރޭލަށް ނަމަވެސް ރޮކެޓުތައް ވެއްޓުނީ ހާމައަށް އޮތް މީހަކު ނޫޅޭ ސަރަހާތެރެއަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ހުޅަނގު އައްސޭރީގެ ގަލްގީލިއާގައި އިޒްރޭލުގެ ވެހިކަލެއް (ކާރެއް) އަށް ހަމަލާދީ ގޮއްވާލި ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ. ރައްދުގައި އިޒްރޭލު ސިފައިންގެ ފައުޖުތަކުން ގަލްގީލިއާއަށް ވަދެގަނެ ހަމަލާދެމުން ގެންދާކަމަށް ހަބަރުތައް ބުނެއެވެ.
އިޒްރޭލުން ގާޒާގެ ހަމަލާތައް ވަރުގަދަ ކުރަމުން ދާ އިރު، ރަފާ ދޫކޮށް ފައިބައިގެން ދާން ބުނި ރައްކާތެރި ސަރަހައްދު، އަލް މަވާސީ އަށް ރޭ ވަނީ 2 ފަހަރަށް ހަމަލާ ދީ ގިނަ ބަޔަކު ޝަހީދު ކޮށްލާފައެވެ. މުރާސިލުން ބުނާ ގޮތުގައި ގާޒާގައި މިހާރު ސަލާމަތް ހޯދަން ވަންނާނެ އެއްވެސް ހިޔާވައްސެއް ނެތެވެ. އެއްތަނުން ފައްސާލީމައި އަނެއް ތަނަކަށް، އެތަނަކުން ފައްސާލީމައި ދެން އޮތް ތަނަކަށް ދާތަނުން އެތަނަކަށް ވެސް ހަމަލާ ދެމުން ގެންދާ ކަމަށް ބުނެއެވެ.