މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރު މިހާތަނަށް 21 މައްސަލައެއް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރެއް ހޯދައި ހަވާލުކޮށްފައިވާ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ބުނި ގޮތުގައި އީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައަކަށްވާއިރު މިދިޔަ މާޗު މަހުގެ ތެރޭގައި ތިން ރޭ މަތިން ތަގްވާ މިސްކިތުން 7 ފަންކާވެސް ވަނީ ވަގަށް ނަގާފައެވެ. އޭގެ އިތުރުން ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރަކާއި އެ މިސްކިތުގައި ހުރި 2 ފެންކާވެސް ހަމަ އެ މަހުގެ ތެރޭގައި ވަނީ ވަގަށް ގެންގޮސްފައެވެ.

ތަގްވާ މިސްކިތުން ފަންކާ ވަގަށް ނެގި މައްސަލައާ ގުޅިގެން އެކަމުގައި ތުހުމަތުކުރެވޭ މީހަކު އޭރު ހައްޔަރުކޮށް، ބަންދުވެސް ކުރިއެވެ. އަދި އެ މައްސަލަތަކާ ގުޅޭ ވީޑިއޯތައް ވެސް ފުލުހުން އޭރު އާންމު ކޮށްފައި ވެއެވެ.