ހައްޖު ކޯޕަރޭޝަނަށް ކުރާ ތުހުމަތުތަކަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ރައްދު ދެއްވައިފިއެވެ.

ޝަކީލް ރައްދު ދެއްވާފައި ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރީންނަށް ލިބުނީ އުންމީދުކުރި ކަހަލަ ހިދުމަތެއް ނޫން ކަމަށް ބުނެ މީހަކު ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ނިޒާމް ނަމަކަށް ކިޔާ އެ މީހާ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުނެފައިވަނީ ބައެއް ފަހަރު މެނޭޖްމަންޓްގެ ފަރާތުން ބޮޑެތި ބްލަންޑާސް އަޅާފައިވާ ކަމާއި ބައެއް ފަހަރު ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ހާޖީންގެ ވަގުތާއި ހަކަތަ ވޭސްޓްވިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަމާއި ތަޖުރިބާހުރި އާ މެނޭޖްމަންޓެއް އެ ކުންފުންޏަށް ބޭނުންވާ ކަމަށް އެ މީހާ ވަނީ ބުނެފައެވެ.

ނިޒާމް ބުނެފައިވަނީ އެހީތެރިންނާއި ބަސް ލީޑަރުންނަކީ ދީނީގޮތުން ކަންކަން އޮޅުންފިލާފައި ތިބި، ކޮންމެވެސް ވަރަކަށް އަރަބި ބަސް ދަންނަ، ގޫގުލް މެޕް ފަދަ އާދައިގެ އެޕްލިކޭޝަންތައް ބޭނުންކުރަން ދަންނަ އަދި މަޝާއިރުތަކުގެ ރޫޓްތަކަށް ފަރިތަ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރެވޭނެ މެނޭޖްމަންޓެއް ކޯޕަރޭޝަން އަށް ގެންނަންޖެހޭ ކަމަށާއި ކޮންމެ މީހަކު ވެސް 85.000 ރުފިޔާ ދައްކައިގެން ހައްޖަށް އަންނައިރު އެ އަގާ އެއް ފެންވަރެެއްގެ ހިދުމަތެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭނެ ކަމަށް ނިޒާމް ވަނީ ބުނެފައެވެ.

ލަންކާ މީހުންނާއެކު އެއް އެޖެންޓާއި އެއް ޓެންޓު ސަރަހައްދެއް ޝެއާކޮށްފައިވާއިރު ލަންކާ މީހުން ހަރަދުކޮށްފައިވަނީ ނިސްބަތުން ކުޑަ އެއްޗެއް ކަމަށާއި ދިވެހިންނަށް މިނާގައި ދެވުނު ހިދުމަތަކީ ހަމަ ސުމެއް ކަމަށް ނިޒާމް ބިނެފައިވެއެވެ. އަދި ޓެންޓް ތަކުގައި ދިވެހިން ބައިތިއްބާފައި ތިބީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށާއި 300 މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ބައިތިއްބާފައި ތިބި ކަމަށް ވެސް ނިޒާމް ވަނީ ބުނެފައެވެ.

ޓެންޓްތައް ހޫނުގަދަކަމުން އަވަނެއްހެން ހީވާ ކަމަށާއި ބައެއް ދިވެހިން ނިދީ ކައިރީގައި ހުރި މިސްކިތެއްގައި ކަމަށް ނިޒާމް ވަނީ ބުނެފައެވެ. އަދި ފުރަތަމަ ދެދުވަހު ދިނީ ބަންގާޅީ ކެއުން ކަމަށާއި ދުވަސްވީ ގިނަ މީހުން ތިބީ އެ ދެ ދުވަހު ނުކައި ކަމަށް ވެސް ނިޒާމް ވަނީ ބުނެފައެވެ.

ނިޒާމް ބުނީ ކާއެއްޗެހި ފޯރުކޮށްދެވެނީ ވެސް އެތައް އިރެއް ފަހުން ކަމަށާއި އެހެންކަމުން ހައްޖުވެރިން އަތުންނެގި ފައިސާއާއި އެއްވަރުގެ ހިދުމަތެއް ނުދެވުނީ މުތޮއްވިފާއި ގުޅިގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާތީ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ އޭސީސީއަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނިޒާމް ބުނީ އަމީރުލް ހައްޖު އަދި ސަރުކާރުގެ ވުޒާރާތަކުގެ ވެރިން ތަންކޮޅެއް ގާތުން ކަންކަން ބަލަންޖެހޭ ކަމަށާއި ކުރީބައިގައި މަސައްކަތްކޮށްގެން ޖަމްރާތަކާ ކައިރިން މިނާގެ ޓެންޓް ހަމަޖައްސަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ސައުދީގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށްވެސް ނިޒާމް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ނިޒާމްގެ ބައްޕަ ހައްޖަށް ކިއު ތަރުތީބުން ދިއުމަށް މި އަހަރު ލިބުނު ފުރުސަތުގައި ނިޒާމްގެ ބައްޕައަށް އެހީތެރިވުމަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި ނިޒާމްގެ ދެ މަފިރިން ބައިވެެރި ވުމުގެ ފުރުސަތަށް ނިޒާމް އެދުމުން އެފަދަ ފުރުސަތެއް އުސޫލުގެ ބޭރުން ދެވެން ނެތް ކަމަށް ނިޒާމަށް އެނގި ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނަކީ ހުރިހާ ހައްޖުވެރިންނަށް ހިދުމަތް ކުރުމަށް އަންނަ ބަޔަކަށް ވާއިރުވަކި މީހަކަށް އެހީތެރިވާން އަތުވެއްޖެ ނަމަ ހިދުމަތް ކޮމްޕްރޮމައިޒް ވާނެ ކަމަށް ވެސް ނިޒާމަށް އެނގި ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން އިއުލާން ކުރިބިޑަކަށް ނިޒާމް ކުރިމަތިލުމަށްޓަކާ އަޅުގަނޑާ ކޮންޓެކްޓް ކުރުމުން އެއީ އޯޕަން ބިޑެއް ކަމަށްބުނެ ކޮރަޕްޝަނަށް ދެކޮޅު ހަދާފައި ވާނެ ކަމަށެވެ. އަދި އެ ސަބަބާހުރެ ނިޒާމްގެ ބައްޕަގެ ބަދަލުގައި މި އަހަރު ހައްޖަށް އައިސް ހުރެ ހައްޖު ކޮޕަރޭޝަންގެ މެނޭޖްމަންޓަށް އެކި ކަހަލަ ތުހުމަތުތައް ކުރަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ އެއީ ހަގީގަތްކަން ހާމަކުރުމަށް ނިޒާމްފޮނުވި މެސެޖް ތަކުގެ ސްކްރީން ޝޮޓް އެބަހުރި ކަމަށެވެ. އެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

ނިޒާމް އެފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު މީގެ ކުރިން ހައްޖަށް ގޮސްފައިވާ ފަރާތްތަކުގެ ތެރެއިން މި އަހަރު ހައްޖަށް ދިޔަ މީހުން ދަނީ އިންތިޒާމުތަކުގެ ފުރިހަމަ ކަމުގެ ވާހަކަތައް ދައްކަމުންނެވެ.