މި މަހުގެ ތެރޭގައި އީދު މިސްކިތުން 10 ފަންކާ ވަގަށް ނަގައިފިއެވެ.

އެކަން ހާމަކުރައްވާ މާލެ ސިޓީ ކައުންސިލުން ބުނީ އީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށާއި މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

މިސްކިތްތަކުން ވައްކަން ކޮށް، ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައަކަށްވާއިރު މިދިޔަ މާޗު މަހުގެ ތެރޭގައި ތިން ރޭ މަތިން ތަގްވާ މިސްކިތުން 7 ފަންކާވެސް ވަނީ ވަގަށް ނަގާފައެވެ. އޭގެ އިތުރުން ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރަކާއި އެ މިސްކިތުގައި ހުރި 2 ފެންކާވެސް ހަމަ އެ މަހުގެ ތެރޭގައި ވަނީ ވަގަށް ގެންގޮސްފައެވެ.

ތަގްވާ މިސްކިތުން ފަންކާ ވަގަށް ނެގި މައްސަލައާ ގުޅިގެން އެކަމުގައި ތުހުމަތުކުރެވޭ މީހަކު އޭރު ހައްޔަރުކޮށް، ބަންދުވެސް ކުރިއެވެ.