ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ނޫން ކަމަށް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މިފަދައިން ވިދާޅުވީ ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން ،ކުށްވެރިންނާ ގުޅުވާ ދެއްކެވި ވާހަކައަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްވި ރައްދާ ގުޅިގެންނެވެ.

ޝިފާން ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައި ވާތީ ކަމަށާއި މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށެވެ. އަދި ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސް ދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައި ވުމުން ކަމަށާއި ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށެވެ.

އެކަމަށް ރައްދުދެއްވާ މާރިޔާ ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަ ކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށެވެ. އަދި އާ ސަރުކާރު އައުމުންނާއި މަޖިލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން މާރިޔާ ވަނީ ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން މުހުތާޒު ވިދާޅުވީ ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ އާ ސަރުކާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއްނޫން ކަމަށެވެ. އަދި ކުރީގެ ސަރުކާރޭ ކިޔައިގެން ވަގުތު ބޭކާރުނުކޮށް ހުއްޓިފައިވާ ޖިނާއީ އަދުލުގެ ނިޒާމު ހަލުވިކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތްކުރައްވަމުން ކަމަށައި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް މުހުތާޒު ވިދާޅުވިއެވެ.