އިޒްރޭލުން ގާޒާއަށް އަރާ ހަނގުރާމަ ފެށިތާ ދުވަސްކޮޅެއް ނުވެ އެކުލަވާލި ހަނގުރާމައިގެ ކެބިނެޓް އުވާލައިފިއެވެ.

އިދިކޮޅު ޕާޓީގެ ލީޑަރާއި ހަރުކަށިފިކުރުގެ މީހުން ހިމެނޭހެން ޖުމްލަ 6 މެންބަރުންގެ މައްޗަށް އެކުލެވޭގޮތަށް އުފެއްދި ކެބިނެޓް އޭނާ އުވާލީ, އެ ކެބިނެޓުގައި ހިމެނޭ އިދިކޮޅު ލީޑަރު އިސްތިއުފާ ދިނުމާއެކު ކެބިނެޓުގައި ހިމެނެން ބޭނުންވެގެން ހަރުކަށި ފިކުރުގެ މިނިސްޓަރުން ޑިމާންޑް ކުރަން ފެށުމުންނެވެ.

މިއަދު އެ ކެބިނެޓް އުވާލުމާއެކު ދެން އޮންނާނީ 'ބަދިގެ ކެބިނެޓް' އެވެ. އެއީ ނަތަންޔާހޫ ބުނާގޮތަކަށް ރަބަރު ތައްގަނޑު ޖަހަން އޮންނަ ކެބިނެޓެކެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމާއެކު އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށިތާ 4 ދުވަސް ތެރޭގައި އެކުލަވާލި ހަނގުރާމައިގެ ކެބިނެޓުގައި ހިމެނެނީ, އިދިކޮޅު ލީޑަރާއި ޑިފެންސް މިނިސްޓަރާއި ނަތަންޔާހޫ ސަރުކާރުގައި ހިމެނޭ 3 ވަޒީރުންނާއި ނަތަންޔާހޫއެވެ. މިއީ ހަނގުރާމައާ ގުޅިގެން އެންމެ ފަހު ބަސް ބުނާ ކެބިނެޓެވެ.

ނަތަންޔާހޫ ކެބިނެޓު އުވާލި އިރު އޭނާގެ ސަރުކާރުގައި ހިމެނޭ އަދި ހަމާސް އާ ސުލްހަ ވެއްޖެ ނަމަ ނަތަންޔާހޫގެ ސަރުކާރު ވައްޓާލާނެ ކަމަށް ބުނާ ހަރުކަށި ވަޒީރުން މިހާރުވެސް ގެންދަނީ ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުގައި ބައިވެރިވާން ގޮވަމުންނެވެ. އެމީހުންގެ ތެރޭގައި ސީދާ ފަލަސްތީން ނައްތާލަން ގޮވާލައި ހަރުކަށި ވަޒީރުން ތިބި އިރު އެމީހުންނާއި ނަތަންޔާހޫ އަދި އެހެން ބައެއް ވަޒީރުންނާ ދެމެދު އަރާރުން އުފެދި ދަނީ މައްސަލަތައް ފުނިޖެހެމުންނެވެ.

ނަތަންޔާހޫއަށް ބިރުދައްކާ އެމީހުން ބުނަމުން ދަނީ ގާނޫނު ހަދާ މަޖިލީހުގައި އެމީހުން ކޮންޓްރޯލް ކުރާ 26 ގޮނޑީގެ ބޭނުން ކޮށްގެން ނަތަންޔާހޫ ވެރިކަމުން ބާލާނެ ކަމަށެވެ.