މާލޭ ސިޓީ ކައުންސިލުން، މާލޭ ދެކުނު ފަރާތު ބަނދަރު ސަރަަހައްދު ފެންސު ޖަހައި ބަންދުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުންދާތީ އެ ސަރަހައްދުގައި ފެންސް ޖަހާ ބަންދުކޮށްފައިވާ ކަމަށެވެ. އަދި މާލެއަކީ ސާފުތާހިރު ރީތި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމުގައި ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އިއްޔެ މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން މި ސަރަހައްދު ބަންދުކޮށްފައިވާއިރު ސިޓީ ކައުންސިލުން އަންނަނީ މާލެތެރެ ސާފުތާހިރު ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ވެމްކޯ އާއި ގުޅިގެން މާލެތެރެ ސާފުކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ގަވައިދާ ހިލާފަށް މަގުމައްޗަށާ ކުނި އެޅުން މަނާ ސަރަހައްދުތަކަށް ކުނި އަޅާ މީހުން ހޯދާ އެ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މީގެ ކުރިން މާލެ ސިޓީ މޭޔަރު އާދަމް އާޒިމްވެސް ވަނީ މާލެސިޓީއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެއްވެސް ވަރަކަށް މާލެއަށް ކުނި ނޭޅުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދު މާލެސިޓީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާ ނަމަވެސް ގަދަބާރުން އެއްވެސް ކަމެއް ހައްލެއް ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.