މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް މާލެ ސަރަހައްދުގައިވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، މިއަދު އިސްލާމިކް މިނިސްޓްރީންވެސް މާލެގެ ދެ ސަރަހައްދެއްގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އިސްލާމިކް މިނިސްޓްރީ އާއި އެކްސެލް އިންޓަނޭޝަނަލް ސްކޫލު ގުޅިގެން މާލޭގެ ދެ ސަރަހައްދެއްގައި ކުޑަކުދިން ހަވީރު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން މި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒު ސަރަހައްދާއި ކުޑަކުދިންގެ ބަގީޗާގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ބާއްވާ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް އީދު ހަދިޔާއެއް ލިބިގެން ދާނެކަމަށެވެ. އަދި ކުޑަކުދިންނާއި ގުޅޭ ތަފާތު ގިނަ ހަރަކާތްތައް މި ހަވީރުގައި ކުރިއަށް ދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރަށް މިނިސްޓްރީން ބުނެފައިވަނީ ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ކުދިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދުން ކަމަށެވެ.

އަޟްހާ އީދާއި ގުޅިގެން މިއަދު ހަވީރު 16:00 އިން 18:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކެއްގައި ވެހިކަލް ދުއްވުން މާލެ ސިޓީ ކައުންސިލުން ވަނީ މަނާކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ދެ މަސް ކުރިން، މިއަހަރުގެ ބޮޑު އީދަށް "އީދު އައީ" ގެ ނަމުގައި މަދަހަ އަލްބަމެއް ވެސް ނެރެފައެވެ.