ބޮޑު އީދާ ދިމާކޮށް އައްޑޫ ސިޓީގެ އާންމު ތަންތަނާއި މަގުތަކުގައި އާންމުންނަށް އުނދަގޫވާނެހެން ފެނާއި ކުަލަ ޖެހުމަކީ މަނާ ކަމެއް ކަމަށް އެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އީދުގައި އަންމުންނަށް އުންދަގޫވާ ގޮތަށް އާންމު ތަންތަނުގައި ކުލަ ޖެހުމާއި ފެން ޖަހާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އާންމު ތަންތަނުގައި އާންމުންނަށް އުނދަގޫވާ ގޮތަށް އީދުގައި ކުލައާއި ފެން ޖެހުމަކީމަނާ ކަމެއް ކަމުގައި އެ ކައުންސިލުން ބުނި ކަމުގައި ވިޔަސް އީދުގައި ފެން ޖެހުމާއި ކުލަ ޖެހުން އައްޑޫ ސިޓީގައި މުޅިން މަނާއެއް ޏުނެވެ. އެ ކައުންސިލުން ބުނީ، މިފަދަ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެފަދަ ހަރަކާތްތައް ހިންގަން ބޭނުންވާ ނަމަ ކައުންސިލްގެ ހުއްދަ ލިބިގެން ކަނޑައެޅޭ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނެ ކަމަށެވެ.

މާދަމާ އަކީ ބޮޑު އީދު ދުވަސް ކަމަށް ވާ އިރު، ހުރިހާ ރަށެއްގައި ވެސް މި ދުވަސް އަންނަނީ ކުލަ ގަދަކޮށް ފާހަގަ ކުރުމަށް އެތައް ތައްޔާރިއެއް ވަމުންނެވެ. އެ ގޮތުން އީދު ކުޅިވަރުގެ ތެރޭގައި ފެން ޖެހުމާއި ކުލަ ޖެހުން ވެސް ކުޅިވަރުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

އެއް ބަޔަކު ފެން ޖެހުމާއި ކުލަ ޖެހުމަކީ ހިންދޫން ކުރާ ކަމެއް ގޮތުގައި ސިފަ ކުރި ނަމަވެސް އަނެއްބައި ފަރާތްތަކުން ބުނާ ގޮތުގައި ފެން ޖެހުމަކީ ދިވެހިންގެ ކާބަފައިންވެސް ކުރި ކަމކެެވެ. ހަމައެކަނި ތަފާތަކީ ޒަމާނީ ބަދަލެއް އަދި ފެނާއެކު މިހާރު ކުލަ ވެސް ޖަހާ ކަމެވެ. މި ފަދަ ހިޔާލު ތަފާތުވުން ހުރުމުން އާންމުންގެ ތެރެއިން އެފަދަ ފަރާތްތަކަށް އުންދަގޫވާ ގޮތަށް މި ކުޅި ވަރު ނުކުޅެވޭ ގޮތަށް ގިނަ ރަށްރަށުން ނިންމާފައިވާ އިރު، ރަށުގެ ވަކި ސަރަހއްދެއްގައި ފެނާއި ކުލަ ޖެހުމަށް ވަކި ވަގުތެއް ވަނީ ކަނޑައަޅާފައެވެ.