ތަރައްގީވަމުންދާ ކުދި ގައުމުތަކުގެ ހަތަރުވަނަ މަހާސިންތާ، ނުވަތަ ހަތަރުވަނަ ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޓީގުއާ އެންޑް ބާބިއުޑާ އަށް ކުރެއްވި ދަތުރުފުޅަށް ގާތްގަނޑަކަށް ހަތަރު މިލިއަނެއްހާ ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.
ރައީސް އޮފީހުން މީޑިއާ އާ ހިއްސާކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން، ޖުމްލަ 3.86 މިލިއަން ރުފިޔާ، ރައީސާއި އެމަނިކުފާނުގެ ވަފުދު ކުރެއްވި 8 ދުވަހުގެ ރަސްމީ ދަތުރުފުޅަށް ވަނީ ހަރަދުކޮށްފައެވެ. އެއީ:
- އިންސިޑެންޓަލް ހަރަދު - 6،134.70ރ
- ސްޓޮޕް އޯވާ - 18،648ރ
- 16 ބޭފުޅުންގެ ފަރިއްކޮޅު - 164،014.17ރ
- 16 ބޭފުޅުންގެ ހުރުން - 618،043.67ރ
- 16 ބޭފުޅުންގެ ދަތުރުފަތުރު - 271،956.52ރ
މީގެ އިތުރުން 16 ބޭފުޅުންގެ ދެކޮޅު ޓިކެޓަށް 2.64 މިލިއަން ރުފިޔާ، އަދި ޕޮކެޓްމަނީ ގެ ގޮތުގައި 141،312 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް، އެ ތަފާސްހިސާބުތަކުގައިވެއެވެ. އެއީ އެކަކަށް ނަމަ:
- 165،280.37ރ - ދެކޮޅު ޓިކެޓު
- 8،832ރ - ޕޮކެޓް މަނީ
އާންމުގޮތެއްގައި ރައީސާއި އެމަނިކުފާނުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދަތުރުކުރައްވަނީ މަތިންދާބޯޓުގެ ކޮން ކްލާހަކުން ކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް، މިފަހަރު އެ މައުލޫމާތު ހާމައެއް ނުކުރެއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ސިޑްސް ކޮންފަރެންސްގައި ރައީސް ވަނީ:
- ރިޔާސަތު ބެލެހެއްޓުމުގައި ބައިވެރިވެވަޑައިގެންފަ
- ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވައުދު ވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެންފަ
- ބައެއް ގައުމުތަކުގެ އިސްވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ
- ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރައްވައިފަ
ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު، ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވަޑައިގަންނަވާތާ 15 ދުވަހުގެ ތެރޭ ހާމަކުރުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.