ކުރިއަށް އޮތް އަޟްހާ ދުވަހުގެ މުނާސަބާ ފާހަގަކުުރުމަށްޓަކައި ހިންގާ ހަރަކާތްތައް، އިސްލާމްދީނާއި ދިވެހީންގެ އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ޝަރީފް ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވަނީ، އީދު ފާހަގަކުރުމުގައި ތިން ކަމަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފައެވެ. އެއީ:

  • އީދުގެ ހަރަކާތްތައް އިސްލާމްދީނުގެ މިންގަނޑުތަކާއި އަސާސްތަކާ ހިލާފުނުވާނެ ހެން ހިންގުމަށް
  • ދިވެހީންގެ ދީނީ އެއްބައިވަންތަކަން ނުގެއްލޭނެ ހެން އީދު ފާހަގަކުރުމަށް
  • ބޭއަދަބީ މަންޒަރު ސިފަވާނެ ފަދަ އެއްވެސް އެއްޗެއް ބޭނުންނުކުރުމަށާއި އެހެން ދީންތައް ރަމްޒުކޮށްދޭ ފަދަ ތަކެތި ނުގެންގުޅުމަށް

މި ކަންކަމަށް ހުރިހާ ރަށްރަށާއި ސިޓީތަކުން ސަމާލުވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި އެ ރަށްރަށުގެ ކައުންސިލުން ވަނީ، އީދު ފާހަގަކުރުމަށްޓަކައި ހިންގާ ހަރަކާތްތައް އިިސްލާމްދީނާއި ދިވެހީންގެ އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށް، ބައެއް ހަރަކާތްތައް ހިންގުން މަނާކޮށް އިއުލާނު ވެސް ނެރެފައެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ.