އިސްލާމުންގެ އެއް ރުކުން ކަމަށް ވާ 'ހައްޖު' ވުމުގެ މަތިވެރި އަޅުކަމުންވެސް ގާޒާގެ ރައްޔިތުންގެ ހައްގު އިޒްރޭލުން ފޭރިގަނެއްޖެއެވެ.
މާދާމާ އަކީ އަރާފާތު ދުވަސް ކަމަށް ވާ އިރު, އެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަން މީހުން ސައުދީއަށް ޖަމާވެފައި ވާ އިރު ގާޒާގައި ތިބި މުސްލިމުންނަށް އެ ހައްގު ނުދީ އިޒްރޭލުން ވަނީ ދޮރާށިތައް ބަންދު ކޮށްފައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އާއިލާތަކުގެ ތެރެއިން 1000 މީހަކަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ސައުދީ ރަސްގެފާނު ދެއްވާފައި ވާ އިރު, އެ ފުރުސަތުގެ ދަށުން ގާޒާއަށް ނިސްބަތްވާ 1000 މީހަކާއި ހުޅަނގު އައްސޭރިން 4200 މީހަކު މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. މި 1000 މީހުންނަކީ އިޒްރޭލުން ރަފާ އާއި މިސްރު ގުޅޭ ބޯޑަރު ހުސްވި މޭމަހުގެ ތެރޭގައި ބަންދު ކުރުމުގެ ކުރިން މިސްރަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ 1000 މީހުންނެވެ.
މި މީހުންނަށް ފުރުސަތު ލިބުނު އިރު ހައްޖުގެ މަތިވެރި އަޅުކަމަށް ދާން ބޭނުންވެފައި ގާޒާގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ގިނަ ބަޔަކު އެބަތިއްބެއެވެ. ނަމަވެސް އިޒްރޭލުން އެ ފުރުސަތު ބަންދުކޮށްގައި ވުމުން ނުދެވި ތިބި މީހުން އެމީހުންގެ ޝުއޫރު ފާޅުކުރަމުން ބުނީ, ދިރިހުރުމުގެ ހުރިހާ ހައްގެއް އިޒްރޭލުން ނިގުޅައިގެންފައި ވާ ކަމަށާއި އަޅުކަމުގެ ފުރުސަތުވެސް ނުދިން ކަމަށެވެ.
ގާޒާގެ ވަށައިގެން އިޒްރޭލުން ފެންސުޖަހާ އަނގަމަތީ ޖަލެއްގެ ގޮތުގައި އެތާނގެ ރައްޔިތުން ހައްޔަރު ކޮށްގެން އިޒްރޭލުން ގެންގުޅޭ އިރު ގާޒާގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ހުރިހާ މަގެއްވެސް އޮންނާނީ ބަންދު ކޮށްފައެވެ. އަދި މުޅި ފަލަސްތީން ހިމެނޭހެން ހިންގާ އެކިއެކި މުއާމަލާތްތަކުން ފަލަސްތީނަށް ލިބެންޖެހޭ ފައިސާވެސް ހިފަހައްޓައިގެން ތިބީ އިޒްރޭލުންނެވެ.
އެގޮތުން ފަލަސްތީނަށް ޓެކްހުގެ ގޮތުގައި ލިބެން ޖެހޭ 223 މިލިއަން އެމެރިކާ ޑޮލަރެއްގެ ތެރެއިން 35 މިލިއަން ޑޮލަރު, ހުސްވި ހަފްތާގައި އިޒްރޭލުން ވަނީ ގާޒާ ހަނގުރާމަ ފެށުނު ދުވަހު [އޮކްޓޯބަރު 7, 2023] ގައި އަނިޔާ ލިބި އަދި މަރުވި އިޒްރޭލުގެ ރައްޔިތުންނަށް ހަރަދު ކުރުމަށް ނަގާފައެވެ.
ސައުދީގެ އިދާރާތަކުން ބުނާގޮތުގައި މިއަހަރުގެ ހައްޖުގައި ސައުދީން ބޭރުން 1.5 މިލިއަން މީހުން ބައިވެރިވެއެވެ. އަދި ސައުދީގެ ރައްޔިތުންނާއެކު ޖުމްލަ އަދަދު 2 މިލިއަނަށް އަރާނެއެވެ. ހައްޖުގެ މަތިވެރި އަޅުކަމަށް މިއަހަރު ރާއްޖެއިން ވެސް 1000 މީހަކު މިހާރު ވަނީ މައްކާއަށް ގޮސްފައެވެ.