މި އަހަރުގެ އަޟްހާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ދޫކުރާނީ މާދަމާ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00އަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް ވެސް ސްޓިކާ ދޫކުރާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން ބުނީ ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އީދު ދުވަހުގެ ހަވީރު އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށާއި އީދު ދުވަހު އެފަދަ އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އީދު ދުވަހު (ޖޫން 16، 2024) ގައި 11 ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު އޭގެ ތެރޭގައި ހެނދުނު 07:00 ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި 08:00 ގައި މަޖީދީމަގުގައި އީދު ސައެއް ބޭއްވުމަށް ހިމެނެއެވެ.
މީގެ އިތުރުން އީދު ދުވަހުގެ ހަވީރު 16:00 ގައި މާލޭގެ 8 ސަރަހައްދެއްގައި ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު 21:00ގައި ސޯޝަލް ސެންޓަރުގައި ފަންނާނުންގެ ސްޓޭޖް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖޫން 17، 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި އާޓިފިޝަލް ބީޗު އަދި ރަސްފަންނުގައި ފެންކުޅި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.