ޑޮލަރު ލިބޭ ވަރު އިތުރުވެގެން ނޫނީ ކާޑު ލިމިޓު ބޮޑު ނުކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މާކެޓުން ޑޮލަރު ގަންނަން ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ބީއެމްއެލް އިން މިހާރު ވެސް ވިއްކަމުން އަންނަ ކަމަށާއި، ކްރެޑިޓް ކާޑު ލިމިޓެެއް ނެތި ބޭރުގެ މުއާމަލާތުތައް ހިންގޭނެ ގޮތެއް ފަހިކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މިކަން ކުރެވޭނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓި، ރަސްމީކޮށް ޑޮލަރު ސިސްޓަމަށް ވަންނަން ފެށުމުން ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކުރާ ރާއްޖޭން ބޭރުގެ މުއާމަލާތްތައް މަހުން މަހަށް އިތުރުވަމުންދާ ކަމަށާއި މިހާރު ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރު ނުވާހާ ހިނދަކު، ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކުރުމަކީ ބީއެމްއެލް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

2021 ވަނަ އަހަރު ބީއެމްއެލް އިން ވަނީ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އޮންލައިން މުއާމަލާތުތައް ކުރެވޭ އަދަދު 750 ޑޮލަރަށް ބަދަލުކޮށްފައެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގެ މުއާމަލާތުތައް ހިންގެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.