ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެފައި ވަނީ ރ. ހުޅުދުއްފާރު އުމުރުން 80 އަހަރުގެ ފާތިމަތު ހަފީޒާ އެވެ. މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
ހުޅުދެއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް 'ދަ ޕްރެސް' އަށް ވިދާޅުވީ ހައްޖަށް ފުރުމުގެ ކުރިން ހަފީޒާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ނިޔާވީ ބަލިވެ އުޅެފައި ނުވަތަ ނޫން ކަމެއް ސާފު ނުވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީންވެސް ހައްޖާޖީ އާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައި ނުވެއެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ މީގެ ކުރިން ދިވެހި ހައްޖާޖީއަކަށް ހާޓް އެޓޭކް ޖެހިގެން ފަރުވާ ދެމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް މިނިސްޓަރު ހިއްސާކޮށްފައި ނުވާއިރު މިނިސްޓަރު ވިދާޅުވީ ބަލިމީހާގެ އާއިލާ އާއި އެ މައުލޫމާތު ހިއްސާކޮށް ބަލިމީހާގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަކި ހާއްސަ ޑޮކްޓަރުންގެ ޓީމެއް ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންގައިވެސް ތިބެއެވެ. ހައްޖުވެރިން ތިބި ހޮޓެލްގައި ކްލިނިކެއްވެސް ގާއިމްކޮށް ސިއްހަތާއި ގުޅުން ހުރި ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި ސައުދީ ސަރުކާރުގެ ފަރާތުން ހައްޖާއި އުމްރާގެ އަޅުކަން ކުރާ ފަރާތްތަކަށް ހިލޭ ސާބަހަށް ފަރުވާ ކުރެވޭނެ އިންތިޒާމް ނޫރު ހޮސްޕިޓަލުން ވަނީ ހަނަޖައްސާދީފައެވެ.