ލޭނުއެޅުމަށް ހުއްދަ ދިނުމާ ދެކޮޅަށް ބޮޑު ކަންނެލީގެ މަސްވެރިން މިއަދު ފެށި މުޒާހަރާގައި ދޯނިތައް މާލޭގެ ފަޅުތެރެއަށް ވަދެ ޝުއޫރު ފާޅު ކުރަން ފަށައިފިއެވެ.
މިއަދު ބޮޑު ކަންނެލީގެ މަސްވެރިން އެންމެ ފުރަތަމަ މުޒާހަރާ ކުރަން ފެށީ ހުޅުމާލެ ކަންނެލި ޖެޓީގައެވެ. ގާތްގަނޑަކަށް 35 ދޯނި މި މުޒާހަރާގައި ބައިވެރިވެ، ސަރުކާރުން ވައުދުތައް ނުފުއްދާ ކަމަށް ބުނެ އަޑުއުފުލަމުން އައި އިރު، އެންމެ ބޮޑު ޑިމާންޑަކަށް ވެފައި ވަނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާ ބައްދަލުކުރުމެވެ.
މިއަދު ހެނދުނުއްސުރެ ކުރަމުން އައި މުޒާހަރާގައި މަސްވެރިންގެ ޑިމާންޑާ އެއްގޮތަށް މިނިސްޓަރު ޝިޔާމް ވަޑައިނުގަތުމުން އެ ދޯނިތައް ވަނީ މާލެ ކައިރިއަށް އައިސް އެއް ނަންބަރު ޖެޓީ ހުންނަ ސަރަހައްދުގެ ފަޅުތެރެއަށް ވަދެފައެވެ. ނަމަވެސް އެ ދޯނިތަކަށް އެ ނެރުން އެތެރެއަށް ނުވަދެވޭ ގޮތަށް އެމްއެންޑީއެފުން ވަނީ ހުއްޓުވާފައި ކަމަށް ބައެއް މީޑިއާތަކުން ބުނި ކަމުގައި ވިޔަސް އެ ސަރަހައްދު ފަޅުތެރެއަށް ދޯނިތައް ވަދެ އަޑު އުފުލަމުންދާ މަންޒަރު ސޯޝަލް މީޑިއާގައި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިން އާންމު ކުރަމުންދާ ވީޑިއޯތަކުން ފެނެއެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
ހަމައެއާއެކު ވަކި ކުންފުނިތަކަށް ލޭން މަސްވެރިކަން ކުރަން ސަރުކާރުން ހުއްދަދޭން އުޅޭތީ އެކަމުގެ ކަންބޮޑުވުން ބޮޑުކަންނެލީގެ މަސްވެރިން އަންނަނީ ފާޅު ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓާލުމަށާއި ލޭނު އެޅުމުގެ ހުއްދަ ކުންފުނިތަކަށް ދީފި ނަމަ މަސްވެރިން ބާނާ މަހަށް އޮތް ޑިމާންޑް އެއްކޮށް ގެއްލިގެން ދާނެ ކަމަށް މަސްވެރިން ބުނެއެވެ.
މީގެ އިތުރުން މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭ ޝަކުވާ، މިފަހަރު ވެސް ޔޫނިއަނުން ތަކުރާރުކޮށްފައިވެއެވެ. އަދި ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު 80ރ އާއި 100ރ އާ ދެމެދުގެ އަގެއްގައި ކަނޑައެޅުމަށް ވަނީ ގޮވާލާފައެވެ.
ބޮޑު ކަންނެލީގެ މަސްވެރިން މިއަދު މުޒާހަރާ ކުރަމުން އަންނަ އިރު، ކަނޑުމަހުގެ މަސްވެރިންކަން ކުރާ މަސްވެރިން ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެ ގޮތުން މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ ގދ. މަޑަވެލީގައި އެ މަސްވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
މަޑެވެލި ކައުންސިލް ކުރިމަތީ ކުރިއަށް ގެންދާ މި މުޒާހަރާގައި މަސްވެރިން ބުނީ، މިދިޔަ 6 ރޯދައަށްް ފަހު އެމީހުން ކިރުވި މަހަށް ފައިސާ ނުލިބޭ ކަމަށާއި އެކަމުން ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.