ބޮޑު ކަންނެލި އެކަށީގެންވާ އަގެގެއްގައި ގަތުމަށާއި ލޭން އެޅުން ހުއްޓާލުމަށް ގޮވާލާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން އިހުތިޖާޖު ފަށައިފިއެވެ.

އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ދަނީ ބޮޑު ކަންނެއްޔަށް އެކަށީގެންވާ އަގު ދިނުމަށް ގޮވާލަމުންނެވެ. އަދި މިއަދު ބޮޑު ކަންނެލީގެ އަގު ދަށްވެފައިވާ ސަބަބު ހޯދަން ބޭނުންވާ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބައެއް އޮޑިވެރިން ތިބީ ކުލި ނުދެއްކި ގޮތް ހުސްވާ ހިސާބުގައި ކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި، ސަރުކާރު މަސްކުންފުނި މިފްކޯއިން ކަންނެލި ގަންނަން ފެށުމަށް ފަހު ނޫނީ ބޮޑު ކަންނެލި މަސްވެރިކަމަށް ލޭނު އެޅުން ހުއްދަ ނުކުރުމަށް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މީގެކުރިން ވެސް ގޮވާލާފައެވެ.

އެގޮތުން ކަންނެލި ބާނާ މަސްވެރިންނަށް އެކަށީގެންވާ އަގެއް އަދިވެސް ނުލިބޭ ކަމަށާއި، އެކަން އެހެން ވަނީ ކަންނެލި މަސްވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލް މަދު ވިޔަފާރިވެރިންތަކެއްގެ ދަށުގައި އޮތުމުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނެފައި ވަނީ، ކަންނެލި މަސްވެރިކަމާއި ކަންނެލި މަސްވެރިން ކުރިއެރުވުމުގެ ބަދަލުގައި ސިޔާސީވެރިންނާއި ވިޔަފާރިވެރިން އަމިއްލަ މަސްލަހަތު އިސްކުރަމުންދާ ކަމަށާއި، އެގޮތުން ބޮޑު ކަންނެލި ބޭނުމަށް މަނާކޮށްފައިވާ ލޭން އެޅުން ހުއްދަކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޔޫނިއަނުން ބުނި ގޮތުގައި އެކަމުގެ ސަބަބުން:

  • މަދު ކުންފުނިތަކަކުން ބޭރުގެ ލޭން ބޯޓުތައް މެދުވެރިކޮށް މަސް ބޭނުމާއި އެއް ބޯޓުން އަނެއް ބޯޓަށް މަސް ގަނެ ވިއްކުން އިތުރުވޭ
  • އެހެންވެ އަތުނަނު ކަންނެލި އޮޑިތަކުން ބާނާ ކަންނެލިތަކުގެ ޑިމާންޑު ދަށްވެ، އަގު އިންތިހާއަށް ދަށްވޭ، އެކަމުގެ ސަބަބުން ލިބޭ އާމްދަނީއާއި ހަރަދު ނުބައްދަލުވެ، މަސްވެރި އާއިލާތައް ބަނގުރޫޓުވޭ

މީގެ އިތުރުން، މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭ ޝަކުވާ، މިފަހަރު ވެސް ޔޫނިއަނުން ތަކުރާރުކޮށްފައިވެއެވެ. އަދި ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު 80ރ އާއި 100ރ އާ ދެމެދުގެ އަގެއްގައި ކަނޑައެޅުމަށް ވަނީ ގޮވާލައިފައެވެ.