މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 38 މިލިއަން ރުފިޔާ (2.5 މިލިއަން ޑޮލަރު) ހޯދަން ކުރި ދައުވާ ހައި ކޯޓުން ވެސް ނާކާމިޔާބު ވެއްޖެއެވެ.
މިއީ އެމްއެމްޕީއާރުސީ އިން 2014 ވަނަ އަހަރު މިލޭނިއަމް ކެޕިޓަލްސް މެނޭޖްމަންޓް ކުންފުންޏާ ދެކޮޅަށް ކޮށްފައިވާ ދައުވާއެކެވެ. އެ ދައުވާ އަކީ ޕްރޮމިސަރީ ނޯޓެއްގެ ދަށުން ދޫކުރި ފަސް މިލިއަން ޑޮލަރާއި އަދި އަނބުރާ ދައްކާ ގޮތަށް ދޫކުރި 1.5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ނުދީ އޮތް ކަމަށް ބުނެ ކޮށްފައިވާ ދައުވާ އެކެވެ.
ނަމަވެސް މި ދައުވާއަށް 2019 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާތީ ފައިސާ ދޭން މިލޭނިއަމް ކެޕިޓަލްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށް ބުނެފައެވެ. މި މައްސަލަ އެމްއެމްޕީއާރުސީން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
އެއާއެކު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފްވާ ގޮތެއް އެމްއެމްޕީއާރުސީއަށް ހައި ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށާއި، ސިވިލް ކޯޓަށް ހުށަނާޅާ ލިޔުމެއް އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރަން އެދިފައި ވިޔަސް، އެ ލިޔުމަކީ ކުރިން ވެސް ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ލިޔުމެއް ކަމަށް ބުނެފައެވެ.
މި މައްސަލައިގެ ހުކުމް ކޮށްފައިވަނީ ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުންނެވެ.