އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައި ރާއްޖެއާއެކު ގާތުން މަސައްކަތް ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޕާކިސްތާނާއި އަފްޣާނިސްތާންގެ ވެރިން ފިޔަވައި ސާކު ގައުމުތަކުގެ އިސްވެރިން ވަޑައިގަތެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ޖައިޝަންކަރު ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ރައީސް މުއިއްޒުއާ ބައްދަލު ކުރައްވައި ވިދާޅުވީ, ދިއްލީއަށް ރައީސް ވަޑައިގަތުމަށް އުފާ ކުރައްވާ ކަމަށާއި ގުޅިގެން ގާތުން މަސައްކަތް ކުރަން ބޭނުވެ ވަޑައިގަންނަވާ ކަމަށެވެ.
ޖައިޝަންކަރަކީ މޯދީގެ ނިމިދިޔަ ދައުރުގައިވެސް ހާރިޖީ ވަޒީރެވެ. ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ހާރިޖީ ވަޒީރަކަށް އޭނާ ހުންނެވުމާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ހާރިޖީ ގުޅުންތަކާއި އުފެދިގެން ދިޔަ ސިޔާސީ ނުތަނަވަސްކަމުގެ ފުރިހަމަ މައުލޫމާތު އެނގިވަޑައިގަންނަވާ އެއް ބޭފުޅަކީ ވެސް އޭނާއެވެ.
ރައީސް ކަމަށް މުއިއްޒު ވަޑައިގެންނެވުމުގެ ކުރިން އޭރު އޮތް އެމްޑީޕީ ސަރުކާރާ ހިލާފަށް މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ގެންދިޔައީ އިންޑިއާ އާ ދެކޮޅު ޝުއޫރުތައް ފާޅު ކުރަމުންނެވެ. 'އިންޑިއާ އައުޓް' އާއި އަދި އިންޑިއާ ސިފައިން ބޭރުކުރުމުގެ ކެމްޕެއިނާ ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރާއި އިންޑިއާ އާ ދެމެދު ސިޔާސީ ނުތަނަވަސްކަން އުފެދިގެން ދިޔައެވެ.
އަދި އެއީ ރައީސް މުއިއްޒުގެ ސަރުކާރުން ޗައިނާ ކޮޅަށް ބުރަވާ ސިޔާސަތެއް ގެންގުޅެނީ ކަމަށް އިންޑިއާއިން ބުނެ ލޭބަލް ކުރަމުން ގެންދިޔައެވެ. ނަމަވެސް އިންޑިއާގެ ސިފައިން ބޭލުމާއި, އަދި ސިޔާސީ ގޮތުން އުފެދިފައި އޮތް ނުތަނަވަސްކަން ކުޑަކުރުމުގެ ސިޔާސަތެއްގެ ދަށުން ދެގައުމުގެ ގުޅުން ރަނގަޅުވާން ފަށާފައި ވާ އިރު ރައީސް އިންޑިއާ އަށް ވަޑައިގަތުމަކީ އެ މަގުގައި ލިބިގެން ދިޔަ އިތުރު ބާރެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.
ޖައިޝަންކަރާއި ރައީސް މުއިއްޒުގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގެ ތަފްސީލް އަދި ލިބިފައި ނުވިނަމަވެސް މި ދަތުރުފުޅުގައި ރައީސް ވަނީ ބޮޑުވަޒީރު މޯދީއާ ވެސް ބައްދަލު ކުރައްވާފައެވެ.