އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހެދުމަށް އިމިގްރޭޝަން ގާނޫނަށް އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހަށް ތާއީދުކުރާކަން ވެރިކަންކުރާ ޕީއެންސީން ހާމަކޮށްފިއެވެ.

މީކާއީލް ހުށަހެޅުއްވި ބިލަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، މި ބިލަކީ މުހިންމު ބިލެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފަލާހު ވަނީ، އެމްޑީޕީގެ އޭރުގެ ވެރިކަމުގައި ގަރާރަކުން ވެސް އިޒްރޭލުން ރާއްޖެ އަށް މީހުން އެތެރެނުވެވޭ ގޮތް ހެދެން އޮތް ކަމަށާއި، މީކާއީލަށް އޭރު ވެސް 19 ވަނަ މަޖިލީހުގައި އިސްލާހެއް ހުށަހެޅުއްވޭނެ ކަމަށް ވިދާޅުވެ، ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

އޭނާ ހުށަހެޅުއްވީ މި ބިލުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުވުމަށެވެ. އެ ހުށަހެޅުއްވުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ތާއީދުކުރައްވައެވެ.

ނާޒިމް ވިދާޅުވީ ކޮމިޓީ އަށް ބިލު ހުށަހަޅައި ދިރާސާކޮށް މަޖިލީހުން ނިންމުމެއް ނިންމަން ވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށާއި، ދުނިޔޭގެ އެހެން ބާރުތައް ބޭނުންވާހާ ގޮތަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުން ނިންމާ ނިންމުން ވާން ވާނީ ދިވެހީންގެ މިނިވަންކަމާއި ރައްކާތެރިކަމާއި އިގްތިސޯދަށް ވެސް ގެއްލުން ނުވާނެ ފަދަ ނިންމުމަކަށެވެ.

މި މައްސަލައިގައި ނާޒިމް އިތުރަށް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުން ރާއްޖެއަށް ކުރާނެ ރަނގަޅު އެސެސްމެންޓެއް ކޮމިޓީން ހެދުމަކީ މުހިންމު ކަމެއް ކަމަށާއި، މިހާރު ވެސް ރާއްޖެ އަންނަން ބުކިން ހަދާފައި ތިބި މީހުންގެ ބުކިން ކެންސަލްކުރުމުން ރިސޯޓުތަކުން ވެސް ކަންބޮޑުވާނެ ކަމަށެވެ.

އެހެންކަމުން އޭނާ އެދިވަޑައިގަތީ ކޮމިޓީ މަރުހަލާގައި ކުރަން ޖެހޭ ދިރާސާކޮށް ބިލާ މެދު ކޮމިޓީން ގޮތެއް ނިންމުމަށެވެ.