ނިމިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް އަލުން ތާވަލުކޮށް، މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި 22 ވަޒީރުންގެ ތެރެއިން އޭރުގެ މަޖިލީހުން ރުހުން ނުދޭން، ނިންމި ބަންޑާރަނައިބު އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ރުހުން ދޭން ފެންނަ ކަމަށް، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައެވެ.

އެހެންކަމުން މާދަމާގެ ޖަލްސާގައި ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކޮމިޓީގެ ނިންމުން ފާސްކުރުމެވެ.

މީގެ އިތުރުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހަޅުއްވާ ބިލު ރައްޔިތުންގެ މަޖިލީހަށް ތައާރަފްކުރުން ވެސް މާދަމާ އޮންނާނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ދައުރުން ބޭއްވި ޖަލްސާގައި މަޖިލީހުން އުޝާމަށާއި ޝަހީމަށާއި ހައިދަރަށް ރުހުން ނުދޭން ނިންމި ނަމަވެސް، ރައީސް ވަނީ އެ ތިން ބޭފުޅުން ވެސް ވަޒީރުކަމަށް އަލުން އައްޔަންކުރައްވައިފައެވެ. އެކަމަކު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެކަމާ ގުޅިގެން ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ނިމެންދެން، ރިޔާސަތުން ނިންމީ ތިން ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ފަސްކުރުމަށެވެ. އެހެންވެ، 19 ވަނަ މަޖިލިސް ނިމިގެން ދިޔައިރު ވެސް އެ ވަޒީރުންނަށް އަލުން ރުހުންދިނުމުގެ މަސައްކަތް ތާވަލުކުރެވިފައެއް ނުވެއެވެ.

އެއާއެކު، 20 ވަނަ މަޖިލީހުގެ މަސައްކަތްތައް މިދިޔަ ހޯމަ ދުވަހު ފަށައި، އެންމެ ފުރަތަމަ ވެސް ތާވަލުކުރީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައެވެ.