"ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން ގެދޮރު އިމާރާތްކުރަން މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލޯނު ހަމަޖެއްސުމަށްޓަކައި ހައުސިންގް މިނިސްޓްރީއާ މޯލްޑިވިސް އިސްލާމިކް ބޭންކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ހައުސިންގް މިނިސްޓްރީން ބުނީ މިއީ ހިޔާވެހި ފައިނޭންސިންގް ސްކީމުގެ ދަށުން ގެދޮރު އިމާރާތްކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް ފައިނޭންސިންގެ މިންގަނޑުގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނެއް ކަމަށެވެ.
އަދި މި ފަހުމުނާމާގެ ދަށުން، ސަރުކާރާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން ބޯހިޔާވަހިކަމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ސްކީމުތައް ތާއަރަފް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަދު އެއްބަސްވެވުނު ފަހުމުނާމާގައި ސޮއި ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު ހައުސިންގް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. އަލީ ހައިދަރުއެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުފައްދަލް އިދްރީސް ކުމާރީއެވެ.
ހައުސިން މަޝްރޫއުތަކަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ވާހަކަ އަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅެކެވެ. އެމަނިކުފާނު އޭރު ވިދާޅުވެފައި ވަނީ, ރާއްޖޭގެ އެތަން މިތާނގައި ގެދޮރު ހަދަން ފަށާ, މާލީ ދަތިތަކާ ހުރެ ނުހެދި ހުރި އެތައް ގެއެއް ހުރި ކަމަށާއި ގޯއްޗެއް އޮތަސް ގެ އަޅާނެ ތަނަވަސްކަން ނެތިގެންވެސް ނުވެފައި ހުރި ކަމަށެވެ. އެހެން ކަމުން އެކަމަށް ހައްލެއް ގެނެސްދެއްވައި ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
އެ ވައުދުފުޅާ އެއްގޮތަށް ފަށާ "ހިޔާވަހި ފައިނޭންސް ސްކީމް" ކުރިއަށް ގެންދިޔުމަށް މީގެ ކުރިން ހައުސިން މިނިސްޓްރީ އާއި އެޗްޑީއެފްސީ އާ ދެމެދުވެސް ވަނީ ފައުހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކުޑަ އިންޓެރެސްޓެއްގައި ގެދޮރުވެރިކަމަށް ލޯނު ދޫކުރާނެ ފުރަތަމަ ސްކީމެވެ.
ވެއްޖިއްޔާ ރަނާ ހަމަކަމެއް ހިތާމަޔަކީ ކޮންމެފަހަރަކުވެސް ފަޤީރުން ބާކީކޮށްފައި ވަކިބަޔަކަށް ބަހައި ހުސްކޮށްލާތީ އެވެ ހެޔޮނިޔަތުގައި ހެޔޮކަމެއް ކޮށްދީފި ނަމަ ކޮށްމެ ރައްޔިތަކުވެސް ހިތުގެއަޑީން އެކަން ޤަބޫލުކުރާނެ އެވެ ޝުކުރިއްޔާ