ކުރިއަރަމުން އަންނަ ޓެކްނޮލީގައި ސްމާޓުފޯނުން ކުރެވޭ އެތައް 100 ކަމެއްގެ ފަސޭހައިގެ ތެރެއަށް އތައް ބަޔަކު ޣަރަގުވެގެން ގޮސްފައި ވާ އިރު ސްކްރީންޓައިމްގައި ގިނަ ވަގުތު ހޭދަކުރުމަކީ ސިއްހީ ގިނަ މައްސަލަތައް ދިމާވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
ސްމާޓްފޯނުތަކުގެ ސެޓިން އަށް ގޮސް ފޯނުގައި ހޭދަ ކުރެވޭ ވަގުތު ބަލާލެވެން ހުންނަ އިރު އެއީ މީހާ އޭގެ މަސްތުގައި މުޅި ދުވަހު ޖައްސާ އެއްޗެއްކަން ފެންނަން އޮވެއެވެ. ދިރިއުޅުމުގައި ކުރަންޖެހޭ ކިތަންމެ ކަމެއް ފޯނުގެ ސަބަބުން ނުކުރެވި އަހަންމިއްޔަތުކަން ދޭންޖެހޭ ކިތަންމެ ކަމަކަށް ސަމާލުކަން ގެއްލި ދާކަން އެނގެއެވެ.
ހަވާޑް ޔުނިވާސިޓީން ހަދާފައި ވާ ދިރާސާތަކުން ދައްކާގޮތުން ސޯޝަލް މީޑިއާއަށް މީހާ ޣަރަގުވެގެން ދަނީ މަސްތުވާ ބާވަތެއް ބޭނުން ކުރުމުން ދިމާވާ މަސްތެއް ފަދައިންނެވެ. މިއީ ފޯނުން ބޭނުން ކުރާ ޔޫރަޕުގެ ޒުވާނުންގެ މަދުގައި މިހާރު ކަންބޮޑުވުން އުފެދެމުން އަންނަ މައްސަލައެކެވެ.
އިނގިރޭސިވިލާތުގެ އޮފްކޮމް އިން ހަދާފައިވާ ދިރާސާއެއް ބުނާގޮތުން އެގައުމުގައި ދިރިއުޅޭ އުމުރުން 5 އަހަރާއި 7 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 4 ބައިކުޅަ 1 ބައި ކުދިންގެ އަތުގައި ސްމާޓްފޯނު އޮވެއެވެ. އަދި އެކުދިންގެ ތެރެއިން ސޯޝަލްމީޑިއާގެ އެކި މަންސަތައް ބޭނުން ކުރާ އަދި ބަލާ ހަދާ ކުދިންނަށް ނަފްސާނީ މައްސަލަތައް ދިމާވާކަމަށް ވެސް ދިރާސާގައި ބުނެއެވެ.
މިއާއެކު ޔޫރަޕުގައި އަށަގަންނަމުން ދާ އާ ޓްރެންޑަކީ ސްމާޓްފޯނުތައް ދޫކޮށް ކުރީގެ ބްރާންޑްތަކަށް [ބައްތި ފޯނު[ ތަކަށް އެނބުރި ދިޔުމުގެ ޓްރެންޑެވެ.
ހަބަރުތައް ބުނާގޮތުން މި ބަދަލާއެކު ކުދިންގެ އުޅުމާއި އަދި ބޮޑެތި މީހުން, އެމީހުންގެ އުމުރުގެ މީހުންނާއެކު އެކުވެ އުޅުމުގައި ހެޔޮ ބަދަލުތައް އައިސް ސްކްރީނާ ނުލައި ގިނަ ވަގުތު ހޭދަ ކުރުމަށް އެނބުރި ދާނެއެވެ.