އިންޑިއާގައި އިހަށް ދުވަހު ނިމިދިޔަ މަޖިލީސް އިންތިހާބުގައި ހިމާޗަލް ޕްރަދޭޝްގެ މަންދި ތަމްސީލު ކުރާ ގޮނޑި ކާމިޔާބު ކުރި ފިލްމް ސްޓާރު ކަންގަނާ ރަނައުޓް, ދިއްލީއަށް ދާން އެއާޕޯޓުގެ ޗެކިންގައި ހުއްޓާ ސެއިއުރިޓީ ސްޓާފަކު އޭނާގެ ކަންފަތްމަތީގައި ޖަހައިފިއެވެ.
މި މައްސަލައިގައި ކަންގަނާގެ ކަންފަތްމަތީގައި ޖެހހި ކޮންސްޓަބަލް ކުލްވިންދަރު ކައުރު ހައްޔަރު ކޮށް މައްސަލަ ބަލަމުން ދާ އިރު ކަންގަނާ ބުނީ ވިސްޓާރާ ފްލައިޓުން ދިއްލީއަށް ދާން ޗެކްޕޮއިންޓުގައި ހުއްޓާ އޭނާ އައިސް ކަންފަތް މަތީގައި ޖަހާ ގޯނާ ކުރަން ފެށި ކަމަށެވެ. އެއާއެކު އޭނާ އެކަން ކުރީ ކީއްވެތޯ އެހުމުން އެއީ ދަނޑުވެރިންގެ މުޒާހަރާއަށް އޭނާ [ކޮންސްޓަބަލް] ތާއީދު ކުރާތީ ކަމަށް ބުނި ކަމަށެވެ.
މައްސަލަ އަކަށް ވީ އިންޑިއާގެ ދަނޑުވެރިން މީގެ ދުވަސްކޮޅެއްގެ ކުރިން މުޒާހަރާއެއްގައި ތިބި ބައެއްގެ ފޮޓޯއެއް ހިއްސާކޮށް އެއީ ބަލްގިސް ބާނޯ ކަމަށާއި އެއީ 100 ރުޕީސް އަށް މުޒާހަރާތައް ކޮށްދޭ މީހެއް ކަމަށް ބުނެ ކަންގަނާ ޕޯސްޓެއް ޖެހި މައްސަލައެވެ. އެ ޕޯސްޓުގައި ބަލްގިސް ކަމަށް ބުނެ ކަންގަނާ ހިއްސާކުރި ފޮޓޯގައި އިން އުމުރުން ދުވަސްވީ އަންހެނަކީ ބަލްގިސް ނޫން ކަމަށާއި އެއީ އެ ކޮންސްޓަބަލްގެ މަންމަ ކަމަށް ބުނެފައި ވެއެވެ.
ކަންގަނާ ބުނި ބަލްގިސް އަކީ މީގެ ކުރިން އޮތް މަޝްހޫރު މުޒާހަރާއެއް ކަމަށް ވާ 'ޝާހީން ބާގް' މުޒާހަރާއިން ފާހަގަވި މޫނެކެވެ.
ކަންގަނާގެ ކަންފަތްމަތީގައި ޖެހި މައްސަލައާ ގުޅިގެން ވާހަކަ ދެއްކި އެހެން މެންބަރަކު ބުނީ, ތަންދޮރު ނުބަލައި ކޮމެންޓް ކުރީމައި އެފަދަ ކަމެއް ދިމާވުމަކީ ވެދާނެ ކަމެއްކަން ކަންގަނާއަށް އެނގެން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ, ތިމާގެ މަންމަ އާ ދިމާއަށް ކިޔަން ނޭދޭ އެއްޗެހި އެހެން މީހެއްގެ މަންމަ އަކާ ދިމާއަށް ބުނީމައި އެމީހަކުވެސް ހިތްހަމަ ނުޖެހޭނެ ކަމަށެވެ.
"ތިމާގެ އަމިއްލަ ކުށް ގަބޫލުނުކޮށް އެހެން މީހުންނަށް ޓެރަރިސްޓުންނަށް, ހައްދުފަހަނައަޅާފައި ވާ މީހުން ކަމަށް ގޮވުމަކީ ޒިންމާދާރުކަން ކުޑަކަމެއް" ސާދް ޕާޓީގެ ލީޑަރު އަދި މަޖިލީސް މެންބަރު ހަރްޝިމްރާތު ކައުރު ބަދާލް ބުނެފައި ވެއެވެ.
ކަންގަނާ ވަނީ އެ ހާދިސާ އާ ގުޅިގެން ޕަންޖާބުގައި ޓެރަރިސްޓުންނާއި އެކްސްޓްރީމިސްޓުން ގިނަވެއްޖެ ކަމަށް ބުނެ އެކަމާ އަޅަނީ ކޮންފިޔަވަޅެއްތޯ ވެސް ސުވާލު ކޮށްފައެވެ.