ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ފޮނުވާ މީހުންގެ ފުރަތަމަ ބެޗު މި މަހުގެ 7 ވަނަ ދުވަހު ފުރާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ވައުދުގެ ދަށުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗްގައި ހިމެނޭ 50 މީހުން 7 ޖޫން ގައި ފުރަނެކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވާނީ ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓުން ގުރުއަތު ނަގައިގެންނެވެ. އަދި ކޮންމެ އަހަރެއްގެ ފަގީރުންގެ ލިސްޓަކީ އަދާހަމަކުރާ ލިސްޓެއްކަމަށްވާއިރު މީގެ ކުރިން މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނީ އާ ބަޔަކު ކަމަށެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ރަސްމީ 1000 ކޯޓާގެ އިތުރުން، އިތުރު 150 ކޯޓާ މިއަހަރު ރާއްޖެއަށް ލިބިފައިވާއިރު މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޖުމްލަ 4 ފްލައިޓް ބޭއްވުމަށް ނިންމާފައިވާއިރު، މިހާތަނަށް 2 ފްލައިޓުގައި ޖުމްލަ 651 މީހުން ވަނީ ފުރާފައެވެ. ރާއްޖެއަށް އިތުރަށް ލިބުނު 150 ކޯޓާގައި ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.