ދެލައްކަ ރުފިޔާ ލިބޭ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހު ހަމަވާނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބޭންކް ފަންޑްއަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ފަންޑެކެވެ.

ބީއެމްއެލްއިން ބުނީ ބޭންކް ފަންޑްއަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ރޭ 11:00 އަށް ހަމަވާނެ ކަމަށެވެ.

ބޭންކް ފަންޑް ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހަޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.