ސްޓެލްކޯ އިން ކުރިއަށް އޮތް 5 އަހަރު ތެރޭ 500،000 ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހް ކޮށްފި އެވެ.

ސްޓެލްކޯއިން މި ޕްރޮގްރާމް ފަށާފައިވަނީ އެކަމަށްޓަކައި ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔަތާއެކުއެވެ. ސަރުކާރުގެ ވައުދުތެރޭގައި ހިމެނޭ 5 މިލިއަން ގަސް ރާއްޖޭގައި އިންދުމުގެ ހާއްސަ ހަރަކާތްވެސް މިއަދު ފަށާފައިވާއިރު މިއީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް އެ ކުންފުނިން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް ފަށްޓަވާދެއްވުމަށްފަހު ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ، މާލޭގެ އިތުރުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ 33 ރަށުގައި މިއަދު ޖުމްލަ 27،000 ގަސް އިންދާނެ ކަމަށެވެ. އަދި އެ ރަށްރަށުގައި މަދުވެގެން އަހަރަކު 500 ގަސް އިންދުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.

މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޔޫއޭއީގެ ދުބާއީގައި މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ބޭއްވި ކޮޕް-28 ސަމިޓުގައެވެ. އެ ވައުދުފުޅާ އެއްގޮތަށް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފެށީ ލޮނުޒިޔާރަތް ޕާކުގައެވެ. އިންދާފައިވަނީ ރާއްޖޭގެ މާހައުލުން ފެންނަ، ނަމަވެސް ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެއްސެވެ.

މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުން ނިންމާފައިވަނީ މި ޕްރޮގްރާމް، ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަށެވެ.