ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުންގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ޝުޖާއު އައްޔަންކުރައްވާފައިވަނީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތިން ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އައްޔަންކުރުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުންނެވެ.

އެ މަގާމަށް ޝުޖާއުގެ ނަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އަދި އެ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ތާއީދުކުރައްވާފައިވާއިރު ކްލެމެންސީ ބޯޑަށް މަޖިލީސް ތަމްސީލު ކުރާ ގޮތަށް ޝުޖާއު އައްޔަންކުރައްވާފައިވަނީ މިއަދު ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ހަރަކާތްތެރިވާނީ އެޓާނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓާނީ ޖެނަރަލްއެވެ.

ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ގާނޫނީ ދާއިރާއިން މީހަކާއި ތައުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ސިއްހީ ދާއިރާގެ މީހަކާއި ދީނީ އިލްމުގެ މީހަކާއި މަދަނީ ޖަމްއިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރެކެވެ.