ހަމައެކަނި ޑޮލަރު ޖަމާކުރާ އޭޓީއެމްއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެއިން ބްރާންޗުގައި ހުޅުވައިފިއެވެ.
ބީއެމްއެލް އިން ބުނީ މި އޭޓީއެމް ހުޅުވާފައި ވަނީ ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ މެއިން ބްރާންޗުގައި ކަމަށެވެ. އަދި މި އޭޓީއެމްއާއެކު ދިގު ކިއުގައި މަޑު ކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ޑޮލަރު ޖަމާކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މީގެއިތުރުންވެސް ބީއެމްއެލް އިން ވަނީ ދާދި ފަހުން ބީއެމްއެލް ގެ ކަސްޓަމަރުންނަށް ޔޫއޭއީ ދިރުހަމުންނާއި ޗައިނީސް ޔުއާންއިން މުއާމަލާތް ކުރެވޭ ގޮތްވެސް ހަަމަޖައްސާފައެވެ. އެގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ ޔުއާން އިން މުއާމަލާތްތައް ކުރުމަށް ތައްޔާރުވުމުގެ ގޮތުން އެ ބޭންކުގެ ސިސްޓަމްތައް މިހާރު ކޮންފިގަރޭޓް ކޮށްފައިވާ ކަމަށާއި، ބީއެމްއެލް އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ހުރިހާ ރައްޔިތުން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ސާބިތުކަމާއެކުގައިކަމަށެވެ.
މިދިޔަ އަހަރަކީ ބީއެމްއެލްއިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު 2.07 ބިލިއަން ރުފިޔާވަނީ ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.